13 Aug 2013, 16:14
މި މަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަ ޖެހިފައިވާ މިއަހަރުގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ މެދުގައި މިއަދު ގުރުއަތުލުން ބާއްވަފައިފި އެވެ.
އެފްއޭއެމްއިން ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މެންދުރު ފަހު ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި ގައެވެ.
މިއަހަރުގެ ތިންވަނަ ޑިވިޝަންގައި ޖުމުލަ 51 ޓީމް ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ގެންދަނީ، ޓީމުތައް 17 ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި ތިން ޓީމެއް ހިމެނޭ ގޮތަށެވެ.
ގްރޫޕް ސްޓޭޖްގެ ކުޅުން ނިމުމުން، ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާއި، އަދި ހުރިހާ ގްރޫޕެއް އެއްކޮށްލައިގެން ދެވަނައަށް އެންމެ މޮޅުޓީމު ނެގުމަށްފަހު، ދެވަނަ ބުރަށް ދާނީ އެ 18 ޓީމެވެ. ދެވަނަ ބުރު ކުރިއަށް ގެންދާނީ ނޮކްއައުޓް އުސޫލުން ބަލިވާ ޓީމް ކާޓާ ގޮތަށެވެ. އަދި އެގޮތުން ހުރިހާ މެޗުތަކެއް ކުޅެނިމޭއިރު އެންމެ ފަހު މެޗުން މޮޅުވާޓީމް މުބާރާތުގެ ޗެމްޕިއަނުންނަށް އަނެއް ޓީމު ރަނަރަޕް ޓީމްގެ ގޮތުގައި ހަމަޖެހޭވެ އެވެ.
މިއަހަރުގެ ތިންވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ ހޯމަދުވަހުގެ ހަވީރު 4:00ގަ އެވެ. މުބާތުގެ މެޗުތައް ކުރިއަށް ގެންދާނީ، ހެންވޭރު ދަނޑާއި އެފްއޭއެމްގެ އެއް ނަމްބަރު ޓާފް ދަނޑުގަ އެވެ.
މިއަހަރުގެ މުބާރާތް ހުޅުވާ މެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ އަވާ ރެކްރިއޭޝަން ކްލަބާއި، ކުޑަ ހެންވޭރު ޔުނައިޑެޓް އެވެ. އެ މެޗު ކުޅޭނީ ޓާފްގަ އެވެ.
މިދިޔަ އަހަރު ތިންވަނަ ޑިވިޝަންގައި 42 ޓީމް ވާދަކޮށްފައިވާ އިރު، އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދި މަހިބަދޫ ސްޕޯޓްސް ވަނީ، މިއަހަރުގެ ދެވަނަ ޑިވިޝަންގެ ރަނަރަޕްކަން ހޯދުމަށްފަހު ދިވެހި ލީގު ކޮލިފިކޭޝަންގައި ވާދަކޮށް އަންނަ ސީޒަންގެ ދިވެހި ލީގަށް ކޮލިފައި ވެފަ އެވެ.