ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ކޮންމެ އަހަރެއްގެ ފިތުރު އީދުގައި ބާއްވާ "ސްނިކާސް ބައިބަލާ" މުބާރާތުގައި ރޭ ކުޅުނު މެޗްތަކުން މޮޅުވި ފަސް ޓީމް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.

ހެންވޭރު ކޮޅު ކާނިވާ ސަރަހައްދު ދެކުނު ފަރާތު ހުސްބިމުގައި ރޭ ކުޅުނު މުބާރާތުގެ ދެ ވަނަ ބުރުގެ މެޗްތައް ކާމިޔާބުކޮށް ގަދަ 16 އިން ޖާގަ ހޯދި ޓީމްތަކަކީ ޔޫއެން ފްރެންޑްސް އާއި ހާހާ ވައި ކަންމައްޗާއި ލޮރެންޒޯ ސްޕޯޓްސް ކްލަބާއި ބުރު ޕާކު އަދި ޓީނޭޖް ޖޫނިއާސް އެވެ.

މުބާރާތުގައި ދެ ވަނަ ބުރުގައި ރޭ ޖުމްލަ 10 މެޗެއް ކުޅޭން ހަމަޖެހިފައި އޮތަސް ވިއްސާރައިގެ ސަބަބުން ކުޅުން ހުއްޓާލިއިރު، ބާކީ ކުޅޭން އޮތް ފަސް މެޗް ވަނީ މިރޭ ކުޅޭ ގޮތަށް ހަމަޖައްސާފަ އެވެ.

ބައިބަލާ އެސޯސިއޭޝަނުން ބުނީ މިރޭ ކުޅޭ ދެ ވަނަ ބުރުގެ ފަސް މެޗުގެ އިތުރުން ގަދަ 16 ގެ ފުރަތަމަ މެޗު ވެސް މިރޭ ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ މެޗުގައި ބައްދަލު ކުރާނީ އެލްޓީ ސްޕޯޓްސް އާއި އުމްޕާ ލުމްޕާ އެވެ.

މިއަހަރުގެ ބައިބަލާ މުބާރާތުގައި އެންމެ ފަހުގެ ބައިބަލާގެ "ރަސްގެފާނު" ބީޖީ ސްޕޯޓްސް ނެތި ޖުމުލަ 49 ޓީމް ވާދަކުރެ އެވެ.

ބައިބަލާ އެސޯސިއޭޝަނުން ބުނީ އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ދެވޭ ފައިސާގެ އަގު ބޮޑުވާނެ ކަމަށާއި އެގޮތުން މިފަހަރުގެ ޗެމްޕިންއަން ޓީމަށް 75،000ރ. އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް މިފހަރު ދޭން ނިންމާފައި ވަނީ 40،000ރ. ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި ބައިބަލާ މުބާރާތުގެ ޗެމްޕިއަންޓީމަށް 50،000ރ ހުށަހަޅާފައި ވާއިރު ރަނަރަޕް ޓީމަށް އެ ފަރު ހުށަހަޅާފައި ވަނީ 25،000ރ އެވެ.