13 Aug 2013, 15:39
މާލޭ ސިޓީ ކައުންސިލުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން މަދު ބޭފުޅަކު ފިޔަވައި ދެން ތިއްބެވި ބޭފުޅުންނަކީ ޖީބުތަކަށް ލާރި ވަންނަ ގޮތަށް "ވަގު ވިޔަފާރި" ކުރަމުންދާ ކޮރަޕްޓްވެފައިވާ ބައެއް ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
މާލޭ ހުޅަނގު ހާބަރު ތަރައްގީކޮށް ހިންގުމަށް މަހަކު 400،000 ރުފިޔާ އަށް، 25 އަހަރަށް ކުއްޔަށް ދިން މައްސަލައާ ގުޅިގެން ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޕީޕީއެމްގެ ސްޕޯކްސް ޕާސަން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، އަހުމަދު މަހްލޫފު ވިދާޅުވީ އާ ހާބަރު އެހާ ކުޑަ އަގަކަށް އަދި އެހާ ދިގު މުއްދަތަކަށް ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން ކުރި ބަޔަކަށް ހައްގު އަދަބު ދިނުމަށް ގޮވާލާ ކަމަށެވެ.
"މިވަރުގެ ބޮޑެތި ޖަރީމާތަކެއް، މިވަރުގެ ބޮޑެތި ވައްކަންތަކެއް ހިންގާތަން ބަލާކަށް އަޅުނގަޑުމެންނަކަށް ނުތިބެވޭނެ. މިގައުމަށް މި ދައުލަތަށް އެބަ ވާޖިބުވޭ އެކަން ހުއްޓުވުމަށް. އަދި މަދު ބަޔަކު ތިބެގެން ދިވެހި ރައްޔިތުންނަށް، ހާއްސަކޮށް މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިފަދަ ބޮޑެތި ހިޔާނާތެއް ދޭތަން ބަލަން ރައްޔިތުން ތިބެގެން ނުވާނެ،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވާ އެއްވެސް މައްސަލައަކަށް މާލޭ ސިޓީ ކައުންސިލަށް ލިބިފައިވާ ތިން އަހަރު ތެރޭގައި ހައްލެއް ހޯދައިދެވިފައި ނުވާ ކަމަށާއި މިއަދު އެކުރާ ކަންކަން ބަލައި ނުހެދުނު ކަމުގައިވީ ނަމަވެސް އެ މައްސަލަތައް ބަލާނެ ދުވަހެއް އަންނާނެ ކަމަށެވެ.
"މާލެ އަށް ކުޑަކޮށް ވިއްސާރަކޮޅެއް ވެހިލާއިރަށް މިއޮންނަނީީ ފެންބޮޑުވެފައި، ކުނި ކޮށީގެ މައްސަލަ ހައްލެއް ނުވޭ، ފްލެޓްތަކުގެ ދިރިއުޅޭ މީހުންގެ މައްސަލަތަކެއް ހައްލެއްނުކޮށްދެވޭ. ނަމަވެސް އެމީހުންނަށް މިލިބުނު ތިން އަހަރުގެ ތެރޭގައި އެމީހުންގެ ޖީބަށް ވީހާ ވެސް ގިނަ ފައިސާ ވަންނާނެ ގޮތަށް ކަންތައްތަކެއް ކުރަމުން ދާތަން [މި ފެންނަނީ]،" މަހުލޫފް ވިދާޅުވި އެވެ.
މާލޭ ހުޅަނގު ހާބަރު ކެފޭތައް ހުންނަ ސަރަހައްދާ އެކު އަދި ޓީޖެޓީ އާއި އެކު އެ ސަރަހައްދު ތަރައްގީކޮށް ހިންގުމަށް މަހަކު ހަތަރު ލައްކަ ރުފިޔާ ކުއްޔަށްދިނީ، ވޭސްޓް ގޭޓް އެސެޓްސް ޕްރައިވެޓް ލިމިޓެޑަށެވެ.
އެ މައްސަލަ ވަނީ ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ.