13 Aug 2013, 15:24
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު އަމްޖަދު އިސްތިއުފާ ދެއްވައިފި އެވެ.
ސަންއާ ވާހަކަދައްކަވަމުން އަމްޖަދު ވިދާޅުވީ އޭނާ މަގާމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު ވަހީދުގެ ކެމްޕޭންގައި ހަރަކާތްތެރިވުމަށް ކަމަށެވެ.
"ރައީސް ވަހީދު މިހާރު ކުރައްވަމުންގެންދަވާ ކެމްޕޭންގައި ބައިވެރިވުމަށް ވަގުތު ދިނުމުގެ ގޮތުން އިސްތިއުފާ ދިނީ. އިތުރު އެހެން އެހެން އެއްވެސް މައްސަލައެއް އޮވެގެނެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އަމްޖަދު އިސްތިއުފާދެއްވުމުން އެ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވާނީ އަބްދުﷲ ޝަފީއު، ހަސަން އިބްރާހިމް، އަލީ ފާރިސް، ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް، އަހުމަދު އަފްރާހު އަދި މުހައްމަދު ޔާސިރެވެ. ނައިބު ރައީސް އަކީ ޔާސިރެވެ.
އެ ބޯޑަށް މެމްބަރުން ކަނޑައަޅާފައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުން އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުންނެވެ. އަދި އެ ބޯޑަށް މެމްބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެކަމަކު ބޯޑުގެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑަށް އަލަށް އައްޔަން ކުރެއްވި މެމްބަރުންނަށް މަޖިލީހުން އަދި ރުހުންދީފައެއްނުވެ އެވެ.