މާލޭ ހުޅަނގު ހާބަރު ސަރަހައްދު 25 އަހަރު ދުވަހަށް ތަރައްގީކޮށް ހިންގުމަށް 25 އަހަރު ދުވަހަށް ވެސްޓް ގޭޓް އަށް ހަވާލުކުރުމަށް ހުއްދަ ދީފައިނުވާނެ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މީގެ ކުރިން މީޑިއާތަކަށް ވިދާޅުވެފައި ވަނީ މާލޭ ހުޅަނގު ހާބަރު ކެފޭތައް ހުންނަ ސަރަހައްދާ އެކު އެ ސަރަހައްދު ތަރައްގީކޮށް ހިންގުމަށް މަހަކު 400،000 ރުފިޔާ އަށް، 25 އަހަރު ދުވަހަށް ވެސްޓް ގޭޓް އެސެޓްސް ޕުރައިވެޓް ލިމިޓެޑަށް ކުއްޔަށްދީފައި ވަނީ އޭސީސީ އިން އެ މައްސަލަ އޭރު ތަހުގީގްކޮށް އެކަމުގައި މައްސަލައެއް ނެތް ކަމަށް އެންގުމުން ކަމަށެވެ.

އޭސީސީ އިން މިއަދު ބުނީ މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދު ތަރައްގީކުރަން ސިޓީ ކައުންސިލްއިން ބަޔަކާ ހަވާލުކުރަން ނިންމި މައްސަލަ އެކޮމިޝަނުން ތަހުގީގް ކުރިއިރު އެމައްސަލަ ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށައަޅާފައި ވާތީ ޝަރީއަތުގައިވާ މައްސަލަައަކާ ގުޅޭ ގޮތުން ނިންމާ ނިންމުމަކީ އޭގެ ޒާތުގައި ބާތިލު ކަމެއް ކަމަށާއި އެބާވަތުގެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ސުޕްރީމް ކޯޓުން އަމުރުގައި ބަޔާންކޮށްފައި ވާތީ އެ މައްސަލާގައި އެ ކޮމިޝަނުން ވަކިގޮތަކަށް ނިންމުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭ ކަމަށެވެ.

އެކޮމިޝަނުން ބުނީ މާލޭ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދު ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް އިވެލުއޭޓް ކުރުމުގައި އަމަލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަކިބަޔަކަށް ފައިދާ ހޯދައިދިނުމަށް ކަމަށް ބުނާ މައްސަލައިގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި އެ މައްސަލަ ނިންމީ މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނާއި ބީލަން ހުށަހެޅުމުގެ ކަންތައް ކުރިޔަށް ގެންދާނެ ގޮތާއި ބީލަން ހުށަހަޅާ އިރު ބީލަމުގައި ހުންނަންވާނެ މައުލޫމާތުތަކާއި އިވެލުއޭޓް ކުރާނެ މިންގަނޑު ބަޔާންކޮށް އެ ކައުންސިލުން އެކުލަވާލާފައިވާ ބީލަން ހުށަހެޅުމުގެ ދައުވަތާ އެއްގޮތަށް ކަމަށްވާތީ ބީލަންތައް އިވެލުއޭޓްކުރުމުގައި ވަކިފަރާތަކަށް ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތަހުގީގުން ހޯދާފައިވާ ހެކިތަކުން ސާބިތުނުވާތީ ކަމަށެވެ.

އޭސީސީއިން ބުނީ އެކޮމިޝަނުން އެ މައްސަލަ ތަހުގީގްކުރުމުގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާ އިސްލާހުކުރުމަށް ފެންނަ ކަންތައްތައް ފިޔަވަޅު އެޅުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާ އަށް އަންގާފައިވާ ކަމަށެވެ. އެގޮތުން ބީލަން ހުޅުވުމުގެ ބައްދަލުވުންތަކުގައި ފަރުވާތެރިކަމާ އެކު ބީލަންތަކުގައިވާ މަޢުލޫމާތުތައް ރަނގަޅަށް ބެލުމަށް ފަހު އަގުތައް ނޯޓުކުރުމަށާއި ނޯޓުކުރާ އަގުތައް ޗެކް ކުރެވޭނެ ނިޒާމެއް އެކުލަވާލުމަށް އަންގާފައިވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އޭގެ އިތުރުން ދިގު މުއްދަތަށް ހިންގާ ޕްރެޖްޓުތަކުން ލިބޭ އާމްދަނީ އިވެލުއޭޓްކުރުމުގައި ޕްރޮޖްކްޓުގެ މުއްދަތުގެ އެކި އަހަރުތަކަށް ހުށަހަޅާ އަގު އެއްކޮށްގެން ޖުމްލަ އަގަށް ޕޮއިންޓް ދޭ އުޞޫލުން އިވެލުއޭޓްކުރާ ނަމަ މުސްތަގުބަލުގައި އެފަދަ ޕްރޮޖެކްޓް އިވެލުއޭޓްކުރާ އިރު އަގުގެ ގޮތުން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތެއް ހޯދުމަށް އެންޕީވީ ބޭނުންކޮށްގެން އިވެލުއޭޝަން ހެދުމަށް ވެސް އަންގާފައިވާނެ ކަމަށް ބުނެފައިވެ އެވެ.

ހާބަރު ސަރަހައްދު ދިނުމަށް ހުއްދަ ނުދޭކަމަށް އޭސީސީ އިން ބުނެފައިވާ އިރު ހައުސިން މިނިސްޓުރީއިން ވެސް ވަނީ އެކަމަކީ އެކައުންސިލްގެ ހުއްދައެއް ނެތި ކުރާކަމެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.