ސޮނޭވާ ފުށި ރިސޯޓުން 35 އަހަރަށް ވިއްކާފައިވާ ވޯޓާ ވިލާ (މޫދު ކޮޓަރި) އިން ދައުލަތަށް ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް ކަނޑައަޅައި އެ ރިސޯޓު ހިންގާ ކުންފުނީގެ އެކައުންޓް ފްރީޒު ކޮށްގެން މީރާ އިން ނަގާފައިވާ 247،953.53 ޑޮލަރު އެ ރިސޯޓަށް އަނބުރާ ދެއްކުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުން އިއްޔެ ކުރި އަމުރުގައި ބުނެފައި ވަނީ ސޮނޭވާ ފުށި ރިސޯޓުން ވިއްކާފައިވާ ވޯޓާ ވިލާގެ މުއާމަލާތަކީ "ޓޫރިސްޓު ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު"ގެ ދަށުން ޓެކްސް ދައްކަން ޖެހޭ މުއާމަލާތެއް ނޫން ކަމަށް އެ މައްސަލަ ބެއްލެވި ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ އަޣުލަބިއްޔަތުން ކަނޑައެޅީ ކަމަށެވެ.

ސޮނޭވާ ފުށި ރިސޯޓުގެ އެކައުންޓުތައް ފްރީޒުކޮށްފައި ވަނީ އެ ރިސޯޓު ހިންގާ ބަނީ ހޯލްޑިންގްސް އަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފޮނުވި ސިޓީ އަކުންނެވެ.

ބަނީ ހޯލްޑިންގްސްގެ ބޭންކް އެކައުންޓުތައް ފްރީޒުކޮށްގެން ނަގާފައިވާ 247،953.53 ޑޮލަރު އެއް މަސް ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ރައްދުކުރުމަށް ވެސް ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަނީ މީރަ އަށް އަމުރުކޮށްފަ އެވެ.