ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނާ އާސެނަލް އިން ކުރިމަތިލާނީ ވަރުގަދަ ސްކޮޑަކާއެކު ކަމަށް އެޓީމުގެ ފްރާންސް ކޯޗް އާސެން ވެންގާ ބުނެފި އެވެ.

ވެންގާ ބުނީ، ޓްރާންސްފާ ޕީރިއަޑް ނިމުމުގެ ކުރިން އާސެނަލްއަށް އިތުރު ކުޅުންތެރިންތަކެއް ގެންނާން މިހާރުވެސް ބުރަ މަސައްކަތްތަކެއް ކުލަބުގެ މެނޭޖްމަންޓުން ކުރަމުން އަންނަ ކަމަށާއި އެމަސައްކަތުގެ ދަށުން ސީޒަނުގައި އާސެނަލްގެ ސްކޮޑް ފެންނާން ހުންނާނީ "ވަރުގަދަ ސްކޮޑެއް"ގެ ގޮތުގައި ކަމަށެވެ.

"ކުރިއަށް އޮތް ސީޒަނަށް އަހަރުމެން ނިކުންނާނީ ވަރަުގަދަ ސްކޮޑަކާއެކު. ޓްރާންސްފާ ޕީރިއަޑް ނިމުމުގެ ކުރިން ހީނުކުރާވަރުގެ ކުޅުންތެރިން ކުލަބާ ގުޅޭނެ." ވެންގާ ބުންޏެވެ.

ވެންގާ ބުނީ، ކުޅުންތެރިން ހޯދުމުގައި ކުލަބުން ބޮޑަށް އިސްކަން ދެނީ ފޯވާޑުންނަށް ކަމަށާއި ކުލަބުގައި މިވަގުތު ތިބި ފޯވާޑުން ނަކީ ވެސް މޮޅެތި ކުޅުންތެރިން ކަމަށެވެ. އަދި ސީޒަނާ ކުރިމަތި ލާއިރު މިވަގުތި ކުލަބުގައި ތިބި ކުޅުންތެރިނާ މެދު ހިތް ހަމަޖެހޭ ކަމަށް ވެންގާ ބުންޏެވެ.

އަންނަ ސެޕްޓެންބަރު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ހުޅުވިފައިވާ ޓްރާންސްފާ ޕީރިއަޑް ބަންދުވުމުގެ ކުރިން އިތުރު ކުޅުން ތެރިން ހޯދުމަށް އާސެނަލްއިން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ދަށުން، އެޓީމުން އެންމެ ބޮޑަށް ފާރަލަމުން އަންނަނީ ލިވަޕޫލްގެ އުރުގުއޭ ފޯވަޑް ލުއިސް ސުއަރޭޒަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސުއަރޭޒް ހޯދުމަށް އާސެނަލް އިން ކުރަމުން އަންނަ މަސައްކަތައް އަދިވެސް އަލިމަގެއް ފެނިފައި ނުވާއިރު، ލިވަޕޫލުން ބުނަމުން ދަނީ ސުއަރޭޒް އަކީ އެޓީމަށް އެންމެ މުހިންމު އެއް ކުޅުންތެރިއާ ކަމަށެވެ. އަދި ސުއަރޭޒްގެ އިތުރުން ބަޔާން މިއުނިކްގެ ބްރެޒިލް މިޑްފީލްޑަރު ލުއިސް ގުސްޓާވޯ ހޯދުމަށް ވެސް އާސެނަލް އިން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.