ދައުލަތުގެ ވިޔަފާރިތައް ޕްރަވަޓައިޒް ކުރުމާއި ކޯޕްރަޓައިޒް ކުރުމާއި އަދި މޮނީޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައި ބުނާ "ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު"ގެ މެންބަރުންގެ މުސާރަ ކަނޑައަޅައި ދިނުމަށް ރައީސުލްޖުމްހޫރީއްޔާ އެދިފައި ވާތީ އެ ބޯޑުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލީއްޔަތު ކޮމެޓީން ފާސްކޮށްފައިވާ ގޮތަށް ޕްރަވަޓައިޒޭޝަން ބޯޑު މެންބަރުންގެ މުސާރަ އާއި އިނާޔަތައް ދޭން ފެންނަ ކަމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓް ދެއްވާފައި ވަނީ 49 މެންބަރުންނެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވާ ތިން މެންބަރުން ތިއްބެވި އެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒު ކުރުމާއި ކޯޕްރަޓައިޒް ކުރުމާއި އަދި މޮނީޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައި ބުނާ ގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރީއްޔާ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 37،500ރ. ދިނުމަށެވެ. އެއީ މުސާރައިގެ ގޮތުގައި 25،500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 12،000ރ. ދިނުމަށެވެ. ބޯޑުގެ ނައިބު ރައީސްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 35،500ރ. ދިނުމަށް ވެސް ކޮމެޓީން މިއަދު ނިންމި އެވެ. އެއީ މުސާރައި ގޮތުގައި 23،500ރ. ދިނުމަށާއި ލިވިން އެލަވަންސްގެ ގޮތުގައި 12،000ރ. ދިނުމަށެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 47،000ރ. ދިނުމަށެވެ. އެއީ މުސާރައިގެ ގޮތުގައި 32000ރ. ދިނުމަށާއި ލިވިން އެލަވަންސްގެ ގޮތުގައި 15000ރ. ދިނުމަށެވެ. އެ ބޯޑުގެ ނައިބު ރައީސަށް 35،500ރ. ދިނުމަށް ވެސް ރައީސް ހުށަހަޅުއްވާފައިވެ އެވެ. އެއީ މުސާރަ އަށް 20،500ރ. އާއި ލިވިން އެލަވަންސަށް 15،000ރ. އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގައި ޕާޓައިމްކޮށް މަސައްކަތް ކުރައްވާ ފަސް މެންބަރުންނަށް އެލަވަންސްގެ ގޮތުގައި 8000ރ. ދިނުމަށް ރައީސް ވަހީދު ހުށަހަޅުއްވާފައިވާ ގޮތަށް ކޮމެޓީން ތާއިދު ކުރި އެވެ. ކޮމެޓީގެ މެންބަރުން ކުރިން މަޝްވަރާކޮށްފައި ވަނީ ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ މެންބަރުންގެ އެލަވަންސް 10،000 އަށް ބޮޑު ކުރުމަށެެވެ. ނަމަވެސް ރައީސް ވަހީދު ހުށަހެޅުއްވި "ކުޑަ އަދަދު ބޮޑު ނުކުރުމަށް" ކޮމެޓީގެ މެންބަރުން ފަހުން ވަނީ އެއްބަސްވެފަ އެވެ.

ޕްރައިވަޓައިޒޭޝަން އެމްޑް ކޯޕްރަޓައިޒޭޝަން ބޯޑު މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅައި މާލިއްްޔަތު ކޮމެޓީން ނިންމި ރިޕޯޓުގައި ބުނެފައި ވަނީ އެ ބޯޑުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައި ވާނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރަވަޓައިޒް ކުރުމާއި ކޯޕްރަޓައިޒް ކުރުމާއި އަދި މޮނީޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައި ބުނާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ މަސްއޫލީއްޔަތުތަކާއި އަދި އެކުލެވިފައިވާ އެހެނިހެން ޑިރެކްޓަރުންގެ ބޯޑް މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކަށް ރިޔާޔަތް ކުރުމަށް ފަހުގައި ކަމަށެވެ.

ހަތަރު އަހަރުގެ މުއްދަތަށް ޕްރައިވަޓައިޒޭޝަން ބޯޑަށް އައްޔަން ކުރި މެންބަރުންގެ މުސާރަ ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ މި އަހަރުގެ އެޕްރީމް މަހު އެވެ. ޕްރައިވަޓައިޒޭޝަން ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ހަތް މެންބަރުނަށް މަޖިލީހުން ރުހުން ހޯދުމަށް ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސް އައްޔަން ކުރައްވާފައިވާ މެންބަރުންނަކީ ނަލަހިޔާ ހޮޓެލްގެ އެއް ޑިރެކްޓަރު މުހައްމަދު އަމްޖަދާއި، އަބްދުﷲ ޝަފީއު، ހަސަން އިބްރާހިމް، އަލީ ފާރިސް، ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް، އަހުމަދު އަފްރާހު އަދި މުހައްމަދު ޔާސިރެވެ.