13 Aug 2013, 13:46
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ، އެ ގޮނޑި އަށް މެންބަރަކު މަޖިލީހުން ކަނޑައަޅައިފި އެވެ.
ސީއެސްސީގެ މަސައްކަތަށް ފަހުމީ އޮފީހަށް ވަޑައިގަންނަވަމުން ދަނިކޮށް އެ ކޮމިޝަންގެ ގޮނޑިއަށް ކަނޑައެޅުއްވީ މ. އުނިމާގެ ފާތިމަތު ރީނީ އައްބުއްސައްތާރެވެ. މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގައި ވަނީ ސަބް ކޮމެޓީން އިންޓަވިއު ކުރެއްވި އެއްވެސް ބޭފުޅަކަށް 75 ޕަސެންޓް އަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންފައި ނުވާތީ ތަޅުމުން ފެނިވަޑައިގަންނަވާ ގޮތަކަށް ގޮތެއް ނިންމަވައި ދެއްވުމަށެވެ.
ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ހަ ބޭފުޅުންގެ ތެރެއިން މަޖިލީހަށް ހުށަހެޅުއްވި ތިން ނަމުގެ ތެރެއިން ރީނީ ސީއެސްސީގެ މެންބަރު ކަމަށް ހޮވުނީ ވޯޓުގައި ބައިވެރިވި 54 މެންބަރުންގެ ތެރެއިން 51 މެންބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެ ނަން ފާސް ކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވާއިރު ވަކިކޮޅަށް ވޯޓު ނުދެއްވައި ތިން މެންބަރުން ތިއްބެވި އެވެ.
ސީއެސްސީގެ މެންބަރު ކަމަށް ހުޅުމާލެ ފްލެޓް ޒަކަރިއްޔާ ހުސައިންގެ ނަން ވޯޓަށް އެހުމުން އޭނާގެ ނަމެއް މަޖިލީހުން ފާހެއް ނުވި އެވެ. އޭނާގެ ނަން ވޯޓަށް އެހުމުން 37 މެންބަރުންގެ އަގުލަބިއްޔަތު ލިބުނީ އޭނާގެ ނަން ފާސް ނުކުރުމަށެވެ. އެ ނަން ފާސް ކުރުމަށް 15 މެންބަރުން ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވައި ތިން މެންބަރުން ތިއްބެވި އެވެ.
ސީއެސްސީގެ މެންބަރު ކަމުން ފަހުމީ ވަކިކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ފަހުމީ އަލުން އޮފީހަށް ނުކުންނަވައި، މަސައްކަތުގައި އުޅުއްވާތީ މަޖިލީހުގެ މެންބަރުން ސުވާލު ކުރައްވަން ފެއްޓެވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ފަހުމީ އަކީ ސީއެސްސީ މެންބަރެއް ނޫން ކަމަށެވެ.
ރީނީ އަކީ ކުރިން ޑިފެންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު އަދާ ކުރައްވާފައިވާ، ޑިފެންސް މިނިސްޓްރީގެ ކުރީގެ ނާއިބު އަންބަނރީ އަބްދުއްސައްތާރާއި ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދުގެ ދަރިކަނބަލެކެވެ.
ސީއެސްސީ ފަހުމީގެ ގޮނޑިއަށް ރީނީ އައްޔަން ކުރަން މަޖިލީހުން ފާސްކުރުމާ ގުޅިގެން، މިހާރު ވެސް ސީއެސްސީގެ މަސައްކަތުގައި ފަހުމީ އުޅުއްވަމުން ގެންދަވާތީ އެޓާނީ ޖެނަރަލް އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވީ އެ މައްސަލާގައި ދައުލަތަށް ލަފައެއް އަރުވާނެ ކަމަށާއި ބަންޑާރަ ނައިބުގެ ސްޓޭންޑަކީ ފަހުމީއަށް ސީއެސްސީގައި ނުހުންނެވޭނެ ކަމަށެވެ. އަދި ސްޕްރީމް ކޯޓުގެ ހުކުމްގައި އޭނާ އަލުން އެ މަގާމަށް އާދެވޭނެ ކަމަށް ބުނެފައި ނުވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.