13 Aug 2013, 13:19
އުމުރުން ދުވަސްވީ ހާލު ބޮޑު ބަލި މީހަކު އައްޑޫ ސިޓީން އިތުރު ފަރުވާ ހޯދުމަށް މާލެ ގެންނަނިކޮށް މަތިންދާ ބޯޓު ތެރޭގައި މަރުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެމުން އައްޑޫ ސިޓީ ކައުންސިލުން ބުނީ މިދިޔަ އާދިއްތަ ދުވަހު ހުޅުދޫ ކޯޒީކޯނާ ފާތުންދިޔެ، 70، ފްލައިޓް މަތީ މަރުވެފައިވާ ކަމަށާއި އަދި އޭނާ ރޭގެ ވަގުތެއްގައި ވަޅުލާފައިވާ ކަމަށެވެ.
އޭނާ މަރުވެފައި ވަނީ، ހުޅުދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އިތުރު ފަރުވާ އަށް ފޮނުވާލުމަށް ފަހު އޭނާގެ ހާލަތު މާ ސީރިއަސްވުމުން އާއިލާގެ އެދުމުގެ މަތިން އާސަންދަ މެދުވެރިކޮށް އެހީތެރިންނާ އެކު އޭނާ މާލެ ފޮނުވާލުމުން ފްލައިޓް މަތީގައި ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.
ފާތުންދިޔަގެ ދަރިޔަކު ބުނީ އޭނާގެ މަންމަ އަށް ހުޅުދޫން ފަރުވާ ހޯދައިގެން ހިތަދޫ ހޮސްޕިޓަލަށް ވެސް ގެންދިޔައީ އޮކްސިޖަން ގުޅައިގެން ކަމަށާއި އޭނާގެ މަންމަގެ ހިތުގެ މައްސަލައެއް ހުންނަ ކަމަށެވެ. އަދި މަންމަ މާލެ ފޮނުވާލުމުން މަންމައާ އެކު ނަރުހެއް ވެސް ހިތަދޫ ހޮސްޕިޓަލުން ފޮނުވި ކަމަށާއި އޭނާގެ މަންމަގެ ހާލަތު ގޯސްވުމުން ކައްދޫ އެއާޕޯޓަށް ޖެއްސި ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ މަންމަގެ ހާލަތު ސީރިއަސްވެގެން ފްލައިޓްގައި ނޭވާ ނުލެވޭތީ ކައްދޫ އެއާޕޯޓަށް ޖެއްސި ކަމަށާއި އެތަނުން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށެވެ. އޭނާ ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުނީ އޭނާގެ މަންމަ ނިޔާވީ ޝޮކެއްގައި ކަމަށް ވެސް އޭނާ ބުންޏެވެ.
މޯލްޑިވިއަން އިންވެސް ވަނީ އެކަން ހިނގިކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ. މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ އެފަދަ ހާދިސާއެއް މިދިޔަ އާދިއްތަ ދުވަހު ހިނގާފައިވާ ކަމަށެވެ.