13 Aug 2013, 13:15
ވެށި ފަހި މާލޭ ސީ ކެޓަގަރީ އިން ފްލެޓް ދިނުމަށް ލިސްޓުގައި ހިމަނާފައިވާ ހަތަރު ފަރާތެއްގެ ނަން އެލިސްޓުން އުނިކޮށް ފްލެޓް ދޫނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ނިންމައިފި އެވެ.
ވެށި ފަހި މާލޭ ޕްރޮގުރާމްގެ އޮފީހުގައި ވަޒީފާ އަދާކުރާ އަލީ ޒާހިރު ނަމަކަށް ކިޔާ މީހަކު އޭނާގެ އަންހެނުންނަށާއި ދައްތައެއްގެ އިތުރުން ބޭބޭ އާއި އިތުރު އަންހެނަކަށް ފްލެޓް ހޯދާދީފައިވާ ކަމަށް ބުނެ އޭސީސީ އަށް ހުށައަޅާފައިވާ މައްސަލައަކާ ގުޅިގެން އޭސީސީ އިން ފުލެޓް ލިބޭ ލިސްޓުން އުނިކުރުމަށް އަންގާފައިވާ ހަތަރު ފަރާތަކީ، ދަފްތަރު ނަމްބަރު 4933 އަލީ އަހުމަދާއި ދަފްތަރު ނަމްބަރު 4093 ސިއްތި މަނިކެގެ އިތުރުން ތ. ބުރުނީ، ވެޔޮގެ ސަންފާ ޝާހިދާ އާއި ދަފްތަރު ނަމްބަރު 5683 އައިޝަތު ގުރައިޝާ ކަމަށެވެ.
އޭސީސީ އިން ބުނީ އަލީ އަހުމަދުގެ ނަން ލިސްޓުން އުނިކުރުމަށް އެންގީ އޭނާ މާލޭގައި ދިރިއުޅުނުކަން ސާބިތުކޮށްދިނުމަށް ހުށައެޅި ލިޔުންތަކުގެ ތެރޭގައި ސައްހަނޫން ލިޔުން ހުށައަޅާފައި ވާތީ ކަމަށެވެ. އަދި ލިސްޓުން އުނިކުރުމަށް އަންގާފައިވާ ސިއްތި މަނިކެގެ ނަން އުނިކުރަން އެންގީ އޭނާ އަށް ޖުމުލަ 325 ޕޮއިޓް ލިބޭ އިރު އޭނާ ފޯމާ އެކު ހުށައެޅި ލިޔުންތަކުގައި ދޮގު މައުލޫމާތު ހިމެނޭތީ ކަމަށެވެ. އަދި ސަންފާ ޝާހިދާ މާލޭގައި ދިރިއުޅުނުކަން ސާބިތްކޮށްދިނުމަށް ހުށައެޅި ލިޔުންތަކުގެ ތެރޭގައި ސައްހަނޫން ލިޔުން ހުށައަޅާފައި ވާތީ އޭނާގެ ނަން ވެސް އެލިސްޓުން އުނިކުރުމަށް އަންގާފަވާ އިރު ގުރައިޝާ ހުށައެޅި ލިޔުންތައް ފުށުއަރާތީ އާއި އޭނާ ހުށައެޅި ލިޔުންތަކުގައި ގޭގޭ ވެރިފަރާތުގެ އިނގިލީގެ ނިޝާން ޖަހާފައިނުވާތީ އޭނާ ހުށައެޅި ފޯމް ބާތިލުކޮށް އޭނާގެ ނަން ފްލެޓް ލިބުނު ފަރާތުގެ ނަން ލިސްޓުން އުނިކުރުމަށް އަންގާފައިވާނެ ކަމަށެވެ.
އޭސީސީ އިން އިތުރަށް ބުނީ އެ މައްސަލަ ބެލިބެލިމުން ވެށި ފަހި މާލޭ އޮފީހަށް ދޮގުހެކި ދިން ކަމަށް ބެލެވޭ ފަރާތްތަކުގެ މައްސަލަ ފުލުހުނަށް ހުށައަޅާފައިވާ އިރު އެ މައްސަލަތަކުގައި ވަކި ބަޔަކަށް ފައިދާ ލިބޭގޮތަށް އަމަލުކޮށްފައި ވާތީ އެ މައްސަލަ އެކޮމިޝަނުން އިތުރަށް ތަހުގީގް ކުރަމުންދާ ކަމަށެވެ.