އަޟްހާ ޢީދު ނަމާދު ވީހާ ވެސް ގިނަ ބަޔަކަށް ކުރެވޭނެ އިންތިޒާމްތައް އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގައި ހަމަޖައްސަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.


އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ މިދިޔަ ފިތުރު ޢީދުގައި ވެސް އިސްލާމީ މަރުކަޒުގައި އީދު ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެއްސި ގޮތަށް މިފަހަރު ވެސް އެއަށްވުރު ވެސް ލުއި ފަސޭހަ ގޮތެއްގައި އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާނުގައި ނަމާދު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަވަމުން އަންނަ ކަމަށެވެ.


އަހްމަދުﷲ ވިދާޅުވީ އިސްލާމީ މަރުކަޒުގެ ތިރީ ބުރީގެ ބޮޑު ބައެއްގައި އަންހެނުންނަށް ވީހާ ލުއި ފަސޭހަ ގޮތެއްގައި ނަމާދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށެވެ. މީގެއިތުރުން ވީހާ ވެސް ގިނަ ބަޔަކަށް އީދު ނަމާދު ކުރެވޭނެ ގޮތަށް މިފަހަރު ވެސް ޖުމްހޫރީ މައިދާނުގެ ސަރަހައްދު ހާއްސަކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ޖުމްހޫރީ މައިދާން ހާއްސަކޮށްފައި ވާނީ ފިރިހެނުންނަށް. އަދި ވީހާ ވެސް ގިނަ ބަޔަކަށް ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އިސްލާމީ މަރުކަޒާއި ސިފައިންގެއާ ދެމެދު އޮންނަ މަގުގާއި އިސްލާމީ މަރުކަޒުގެ އުތުރުން އޮންނަ އަމީރް އަހްމަދު މަގުގާއި މެދު ޒިޔާރަތްމަގު ބިންމަތީގައި ތަރުފާލު އެޅުމަށް މިހާރު ވަނީ ހަމަޖެހިފައި. އިސްލާމީ މަރުކަޒުގެ ދިރާގާ ވީ ފަޅިން ވަދެވޭނީ އަންހެނުންނަށް އެކަނި. މިފަހަރު އަންހެންނަށް ޚާއްޞަކުރެވިފައި ވަނީ ދިރާގާވީ ފަޅި އަމީރު އަޙްމަދު މަގާއި އިސްލާމީ މަރުކަޒުގެ ގޯތިތެރެއިން އަމީރު އަޙްމަދު މަގާވީ ފަޅި އާއި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމުގެ ދެވަނަބުރީގެ އަމީރު އަޙްމަދު މަގާ ވީފަޅި. މިތަންތަނަކަށް ފިރިހެންނަކަށް ނުވަދެވޭނެ." އަހްމަދުﷲ ވިދާޅުވި އެވެ.


އިސްލާމީ މަރުކަޒުގެ އިތުރުން މާލޭގައި މިފަހަރު 21 މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް އެފެއާޒުން ބުނެ އެވެ.