ފްލޮރިޑާގެ ކީ ލާގޯ ފަރުގައި ފަތުރުވެރިން ގޮވައިގެން ފީނަން އުޅުނު ޑައިވިން ގައިޑަކު މިޔަރެއްގެ އަނގައިގައި ބޮސްދޭން އުޅުމުގެ ތެރޭގައި އޭނާގެ އަނގަމަތީގައި މިޔަރު ދަތްއަޅައިފި އެވެ.

ފަރުމަތީގައި އުޅޭ 300 ޕައުންޑު ހުންނަވަރުގެ މިޔަރުގެ ބާވަތެއް ކަމުގައިވާ "ނާސިން ޝާކް"އަކީ އާންމުގޮތެއްގައި އިންސާނުން ލޯތްބާއެކު އެއާ މުއާމަލާތުކޮށް އަތްލައި ހަދާނަމަ އެއްވެސް ވަރަކަށް ގޯނާކޮށް ނުރައްކާތެރި ކުރާ މިޔަރުގެ ބާވަތެއް ނޫނެވެ.

ފަތުރުވެރިން ގޮވައިގެން ފީނަންގޮސް އެ މިޔަރުތަކަށް ބޮސްދީ، އެއީ ނުރައްކާތެރި ނޫން އެއްޗެއްކަން އެ މީހުންނަށް ޔަގީންކޮށްދިނުމަށްފަހު ހަމަ އެގޮތަށް އެ މީހުން ލައްވައި މިޔަރަށް ބޮސްދީ އެ މަސައްކަތުގައި މާސެލް އުޅެމުންގެންދާތާ މިހާރު އަހަރުތަކެއް ވަނީ ފާއިތުވެފަ އެވެ. އެކަމަކު މީގެ ކުރިން ދުވަހަކު ވެސް އޭނައަށް އެފަދަ ހާދިސާއެއް މެދުވެރިވެފައި ނުވާ ކަމަށް އޭނާ ބުނެ އެވެ.

ޑިސްކަވަރީ ޗެނަލްއިން ގެނެސްދިން "ޝާކް ވީކް" ޕްރޮގްރާމްގައި މާސެލްގެ ތުންފަތުގައި މިޔަރު ދަތްއެޅި މަންޒަރުވަނީ ދައްކާފައެވެ. ޑިސްކަވަރީ ޗެނަލްގެ ޝަކްވީކް ހުށަހަޅައިދޭ، ލޮސްއެންޖަލްސްގެ ފިލްމު އުފެއްދުންތެރިއެއް ކަމަށްވާ ޖެފް ކާ ބުނީ، މާސެލްގެ އަނގައިގައި މިޔަރު ދަތްއެޅީ އޭނާއަށް ހެދުނު ގޯހަކުން ކަމަށެވެ.

"މާސެލްއަށް ހެދުނު ގޯހަކީ، މީގެ ކުރިން އޭނާ މިޔަރާ ކިސް ކޮށްފައި ނުވާގޮތަކަށް، މިޔަރު ބަނޑުފުއް މައްޗަށްވާގޮތަށް ބާއްވާފައި ކިސްކުރީ،" ޖެފް ބުންޏެވެ. "މާސެލް އަށް ވިސްނައެއް ނުލެވުނު، މިއަރު ބަނޑުފުއް މައްޗަށް އޮންނައިރު އޭއްޗަށް މަތި ނުފެންނާނޭ ކަމަކަށް. އަދި މިޔަރަށް މި ހީވީ އެއަށް ކާންދޭން މަސްގަނޑެއް ކަހަލަ އެއްޗެއް އަނގައަށް ލެއްވީ ކަމަށް."

އެހެން ފަހަރު ތަކާ ހިލާފަށް މިޔަރު ހެދިގޮތަކީ، އޭގެ ރޭޒަރު ތިލައެއްފަދަ ތޫނު 500 ދަތުން މާސެލްގެ އަނގަމަތީގައި ދަތްއެޅީއެވެ.

"މިޔަރު އަހަރެންގެ އަނގަމަތީގައި ދަތް އެޅުމަށްފަހު އެއަށް އިންސާނުންގެ މަހުގެ ރަހަ ދިނުމުން މާބޮޑު ޝައުގުވެރިކަމެއް ނެތި ދޫކޮށްލާފައި ދުރަށް ދިޔައީ،" ޑިސްކަވަރީ ޗެނަލްގައި ވާހަކަ ދައްކަމުން މާސެލް ބުންޏެވެ. "އަހަންނަށް ހީވަނީ އަހަރެންގެ ރަހަ އެއަށް އެހާ ކަމު ނުދިޔައީހެން."

ނާސިން ޝާކްއަކީ ބޮލީގެ ތެރޭގައި އޮންން މަސްގަނޑު ދަމައިގަތުމުގެ ކުޅަދާނަކަން ލިބިފައިވާ، މިޔަރެއް ކަމަށްވީ ނަމަވެސް، މާސެލްގެ ނަސީބު ރަނގަޅު ކަމުން އޭނާގެ މޫނުމަތިން ބޮޑުބައެއް ޒަހަމްނުވެ އޭނާވަނީ ސަލާމަތްވެފަ އެވެ. އެހެން ނަމަވެސް އޭނާގެ އަނގަ މަތީގައި ވަނީ 285 ތަނެއް ފަހާފަ އެވެ.

މިޔަރުގެ ހަމަލާއަކުން ޒަހްމަވީ ނަމަވެސް މާސެލް އޭނާގެ މަސައްކަތާ ދުރަކަށް ނުދެއެވެ. އަދި އޭގެ ތިން ދުވަސްފަހުން އޭނާ ވަނީ، އާންމު އުސޫލުން މިޔަރު އޮޅުކޮށް އެ މަސައްކަތަށް ނުކުމެފަ އެވެ.

"ނުރައްކާތެރި ޖަނަވާރުތައް އޮޅުކޮށްގެން މިގޮތައް ނުގެންގުޅެވޭނެ އެއްވެސް މީހަކަށް މިފަދަ ތަޖުރިބާތަކެއް ނުކޮށެއް. އެއީ ވަޒީފާގެ ބައެއް،" މާސެލް ބުންޏެވެ.