ހދ. ނޭކުރެންދޫ ރަންވިއު ފާތިމަތު ޒަކަރިއްޔާ (ފާތުމަ)ގެ މޯބައިލް ފޯން ގެއްލިފައި ވަނިކޮށް އޭނާ މާރާލިކަމަށް ތުހުމަތު ކުރެވޭ ކ. ގުރައިދޫ ގުލްހަޒާރުގޭ، އަލީ ޝަހީމްގެ އަތުން އެ ފޯނު ފެނިފައިވާ ކަމަށް ފުލުހަކު މިއަދު ހެކިބަސްދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ފުލުސް އޮފިސަރަކު ވިދާޅުވީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޝަހީމް ހޯދައި ހައްޔަރުކޮށްފައި ވަނީ ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަސް ކައިރިން ހިނގާފައި ދަނިކޮށް ކަމަށެވެ. އެވަގުތު އޭނާގެ ޖީބުން ނެގި ނޮކިއާ ބައްތި ފޯނުގެ އައިއެމްއީއައި ނަމްބަރާއި ފަތުމަގެ ފޯނުގެ އައިއެމްއީއައި ނަމްބަރާއި ދިމާވާކަމަށް ވެސް ހެކިބަސް ދެމުން ފުލުސް އޮފިސަރު ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި އެހެން ފުލުސް އޮފިސަރަކު ވެސް ވަނީ އެގޮތަށް ހެކިބަސް ދީފަ އެވެ.

ޝަހީމްގެ މައްޗަށް ދައުލަތުން ކުރި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ މަޣުރިބް ނަމާދު ބަންގީގެ ފަހުގެ ވަގުތެއްގައި ނޭކުރެންދޫ ރަންވިއު ގެއަށް އޭނާ ގޮސް އުޅުމުގެ ތެރޭގައި އެގޭ ކޮޓަރިތެރޭގައި އޮތް ތުވާލިގަނޑެއް ނެގުމަށް ފަހު ފާތުމަގެ ފަހަތުން ގޮސް ތުވާލިގަނޑާ އެކު ފާތުމަ އަނގަ އާއި ނޭފަތާއި އެއްކޮށް ހިފަހައްޓައި ނޭވާ ހާސްކޮށް އޭނާ މަރާލާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ކުރި ވައްކަންކުރުމުގެ ދައުވާގައި ބުނެފައި ވަނީ ފާތުމަ މަރާލުމަށް ފަހު އޭނަގެ މޯބައިލް ފޯނާއި ގަހަނާތައް ޝަހީމް ވަގަށް ނަގާފައިވާ ކަމަށެވެ.

އެ ދެ ދައުވާ އަށް ވެސް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއާ ގުޅިގެން ނޭކުރެންދޫ ކައުންސިލް މެމްބަރު އިސްމާއީލް ދާއޫދު މިއަދު ވަނީ ހެކިބަސްދީފަ އެވެ.

ހެކިބަސްދެމުން ދާއޫދު ވިދާޅުވީ ފާތުމަ ދިރިއުޅޭ ގޭގެ ދޮރު ނުހުޅުވިގެން އުޅޭކަމަށް މީހަކު އޭނާއަށް ފޯނުކޮށްފައި ބުނުމުން އެގެއަށް ގޮސް ދޮރުގައި ޓަކި ދިނުމުން ވެސް ދޮރު ނުހުޅުވާކަމަށެވެ. ދެން ލޫވާތައް ނައްޓާލައިގެން ގޭތެރެއަށް ވަދެ ބެލިއިރު ފާތުމަ ކޮޓަރީގެ އެނދުމަތީގައި އޮއްވާ އޭނާ އަށް ފެނުނު ކަމަށް ވެސް ހެކިބަސް ދެމުން ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފާތުމަ އަކީ ބުރުގާ އަޅައިގެން ހުންނަ މީހެއް ކަމަށާއި ނަމަވެސް އެނދުމަތީގައި ފާތުމަ އޮތް އިރު އޭނާގެ ބުރުގާ ނެތް ކަމަށެވެ. އޭގެފަހުން ކުޑަވަގުތުކޮޅެއްގެ ފަހުން އެގޭކައިރިން ޝަހީމްއާ ދިމާވި ކަމަށާއި ފާތުމަގެ ކަށުކަމާ ކެމީގެ ކަންތައް ކުރިއަށް ގެންދިޔުމަށް ހިނަވާގެއަށް ގެންގޮސްފައި އޮތްއިރު އެތަނުގައި ވެސް ޝަހީމް ހަރަކާތްތެރިވި ކަމަށް ހެކިބަސް ދެމުން ކައުންސިލަރު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ބަލިހާލަތު ހުރިގޮތުން ބައެއް ހެކީންނަށް ކޯޓަށް ހާޒިރުވެވެން ނެތްކަމަށް އެރަށުން ކޯޓަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ މީހުންގެ ހެކިބަސް ނެގުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.