13 Aug 2013, 12:00
ޖަރުމަނުގެ ބަޔާން މިއުނިކްގެ ބްރެޒިލް މިޑްފީލްޑަރު ލުއިޒް ގުތަވޯ، އިނގިރޭސި ކްލަބް އާސެނަލްއަށް ކުޅެން ބޭނުން ކަމަށް ބުނެފި އެވެ.
މި ސީޒަންއަށް އާސެނަލް އަށް ވަރުގަދަ ކުޅުންތެރިން ތަކެއް ގެންނަން އާސީން ވެންގާ ފަށާފައިވާ މަސައްކަތުގެ ތެރެއިން، އާސެނަލްއިން ވަނީ، ގުސްތަވޯ އަށް 17.2 މިލިއަން ޕައުންޑް ބިޑްކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޔޫރަޕްގެ ޗެމްޕިއަނުން، ތިއާގޯ އަލްކަންޓަރާ ގެނައި ފަހުން ގުސްތަވޯއަށް ގަވާއިދުން ފުރަތަމަ 11 އަށް ކުޅުމުގެ ފުރުސަތުވަނީ އެއްކޮށްހެން ގެއްލިފައެވެ.
ގުސްތަވޯ ހޯދުމަށް ނަޕޯލީއާއި ވުލްވްސްބާގް އިން ވެސް މަސައްކަތް ކުރަމުން ގެންދާއިރު 26 އަހަރުގެ ބްރެޒިލް މިޑްފީލްޑަރު ބޭނުންވަނީ، އަންނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ ބްރެޒިލްގެ ގައުމީ ޓީމުން ޖާގަ ހޯދުމަށް މަގުފަހި ކުރުމުގެ ގޮތުން ގަވާއިދުން މެޗުތަކުގައި ކުޅެން ޖާގަ ލިބޭނޭ ޓީމަކަށް ބަދަލުވުމަށެވެ.
"ބަޔާންއާ އެކު އަހަރެން ހަދާފައިވާ އެއްބަސް ވުމުގެ މުއްދަތު ހަމަވާނީ 2015 ވަނަ އަހަރު. އެކަމަކު ބްރެޒިލްގެ ގައުމީ ޓީމުން ޖާގަ ހޯދުމަށް އަހަންނަށް ވަރަށް މުހިއްމު ގަވާއިދުން ފުރަތަމަ 11 ގައި ކުޅެން،" ޗަމަކު ބުންޏެވެ. "އަހަރެން ބަޔާންގައި މިހާރު މިހިރީ ވަރަށް ނާޒުކު ފައްތަރެއްގައި. އަހަރެން ބޭނުންވޭ މިކަންތައް ހައްލު ކުރަން."
އެކުވެރި ކަމުގެ މެޗެއް ކުޅެން ބްރެޒިލްގެ ގައުމީ ޓީމާއެކު ސްވިޒަލެންޑްގައި ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ގުސްތަވޯ ބުނީ، އާސެނަލްއަކީ ޗެމްޕިއަންސް ލީގުގައި ރީތި ފުޓްބޯޅައެއް ކުޅޭ، ރަނގަޅު މެނޭޖްމަންޓެއް އޮތް ކުލަބެއް ކަމަށާއި އެކްލަބުން އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.
"އާސެނަލްއިން އަހަރެންނަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އަޑު އިވޭ. އެއީ ބޮޑު ކްލަބެއް އަދި އަހަރެން އެ ކްލަބަށް ކުޅެން ވަރަށް ބޭނުން،" ގުސްތަވޯ ބުންޏެވެ.
ޖަރުމަނުގެ ކްލަބް ތަކާއި އަދި ރަޝާގެ ކްލަބް ތަކުންވެސް ގުސްތަވޯ ގެންދަން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ރިޕޯޓްތައް ބުނާގޮތުން ބަޔާންއިން ގުސްތަވޯ ދޫކޮށްލުމުގެ ފުރުސަތު އެންމެ ބޮޑީ އާސެނަލް އަށެވެ.