13 Aug 2013, 11:50
އދ. އިން ކަނޑައަޅާފައިވާ ސާސްކަފްގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި ރާއްޖެ ވަނީ މިސަރަހައްދުން ފާހަގަކޮށްލެވޭ ނަތީޖާއެއް ހޯދާފައި ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު ބާއްވާ، ކުދި ޖަޒީރާގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީއާ ބެހޭ ތިން ވަނަ ޖަލްސާ އަށް ތައްޔާރުވުމުގެ ގޮތުން މިއަދު ފެށި ވޯކްޝޮޕް އިފްތިތާހުކޮށްދެއްވަމުން ޑރ. ޝަކީލާ ވިދާޅުވީ ރާއްޖޭން ނަތީޖާ ހޯދާފައިވާ ކަމަށާއި އެކަން ދަމަހައްޓަން ޖެހޭ ކަމަށެވެ.
"ދުނިޔޭގެ ފެންވަރުގައި އެކުލަވާލާފައިވާ މިލޭނިއަމް ޑިވެލޮޕްމެންޓް ގޯލްސްގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި ރާއްޖެ ވަނީ މިސަރަހައްދުން ފާހަގަކޮށްލެވޭ ނަތީޖާއެއް ހޯދާފައި، އަޅުގަނޑުމެން ދެން ކުރަން އޮތް މަސައްކަތަކީ މިކާމިޔާބީތައް ދަމަހައްޓައި، މީގެ މައްޗަށް ސިޔާސަތުތައް ބައްޓަންކޮށް، ކުރިއަށް ދިއުން،" ޑރ. ޝަކީލާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ މިލޭނިއަމް ޑިވެލޮޕްމެންޓް ގޯލްސް ހާސިލުކުރުމަށް ހަމަޖެހިފައިވާ ތާރީހު ކަމަށްވާ 2015 ވަނަ އަހަރުގެ ފަހުން އަމަލުކުރަން އޮންނާނީ ސަސްޓެއިނަބްލް ޑިވެލޮޕްމެންޓް ގޯލްސްތަކެއް (ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކެއް) ކަމަށާ އެކަން ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކަނޑައެޅޭނެ ކަމަށެވެ. އެކަން ކަނޑައެޅުމުގައި ރާއްޖެއިން ބައިވެރިވެ، ރާއްޖޭގެ ހިޔާލާ ފިކުރު ހިމެނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެކަމަށް ޓަކައި ކުރެވެން ހުރި، ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
މިއަދު ފެށި ބައްދަލުވުމުގައި ރާއްޖޭގެ ކަމާ ބެހޭ ހުރިހާ ދާއިރާއެއްގެ މަންދޫބުންނާއި ރާއްޖޭގައި ހުރި އދ.ގެ އެޖެންސީތަކުގެ ފަރާތުން މަންދޫބުން ބައިވެރިވި އެވެ.