ބަޖެޓް ތަންފީޒް ކުރުމަށް ފައިސާ ހޯދުމަށް 29.4 މިލިއަން ޑޮލަރު (453.34 މިލިއަން ރުފިޔާ)ގެ ލޯނެއް ނެގުމަށް ހުއްދަ ހޯދުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅައިފި އެވެ.

ރައީސް އޮފީހުން ރައްޔިތުން މަޖިލީހުގައި އެދިފައި ވަނީ ބެންކް އޮފް ސިލޯނުން 29.4 މިލިއަން ޑޮލަރުގެ ފެސިލިޓީ ޓާމް ލޯނެއް ދިނުމަށް ނިންމާފައި ވާތީ އެ ލޯނަށް މަޖިލީހުން އެޕުރޫވަލް ދިނުމަށެވެ. ރައީސް އޮފީހުން ބުނެފައި ވަނީ އެ ލޯނަކީ ހަ އަހަރު ތެރޭގައި ދައްކާ ގޮތަށް އެއް އަހަރުގެ ގުރޭސް ޕީރިއަޑަކާ އެކު ނަގާ ލޯނެއް ކަމަށެވެ. އަދި އެ ލޯނަކީ އަށް ޕަސެންޓްގެ އިންޓުރެސްޓް އަކާ އެކު ނަގާ ލޯނެއްކަމަށް ބުނެފައިވެ އެވެ.

ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހުގައި އެދިފައި ވަނީ މިވަގުތު ދައުލަތުގެ ކޭޝް ފުލޯގައި ހުރި ދަތިތައް ހައްލުކުރުމަށް އެލޯނު ނެގުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި އެ ލޯނުގެ ޓާމުސްތަކާ މެދު ވަރަށް ރަނގަޅަށް ވާހަކަ ދެކެވިފައިވާ ކަމަށާއި އެ އަށްވުރެ ރަނގަޅު ޓާމުސްތަކެއްގައި ކުރު މުއްދަތެއްގައި އެއްވެސް ފަރާތަކުން ލޯނެއް ލިބޭނެ ކަމަށް ނުފެންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

"ދެ ހާސް އެގާރަ ވަނަ އަހަރު ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓްއިން މެދު ފަންތީގެ ގައުމުތަކުގެ ލިސްޓައް ރާއްޖެ ބަދަލުވެފައި ވާތީ ކުރިން ލިބެމުން ދިޔަ ކޮންޝެޝަނަލް ރޭޓްތަކުގައި ލޯނު ހޯދުމަކީ ދަތިކަމެއް،" ރައީސް އޮފީހުން ބުނެފައިވެ އެވެ.

މި އަހަރުގެ ބަޖެޓް މަޖިލީހުން ފާސްކުރި އިރު، ބަޖެޓުގައި ޖަހާފައި ވަނީ ދައުލަތުން ދަރަންޏަށް ފައިސާ ނަގާ އިރު، އަދި ގެރެންޓީދޭ އިރު ވެސް އެ ލޯނަކީ ހަތް ޕަސެންޓު އިންޓްރެސްޓަށް ވުރެ ބޮޑު އަދަދެއް އަރާ ލޯނަކަށްވާ ނަމަ މަޖިލީހުން އެ ލޯނަކަށް ހުއްދަ ދީގެން ނުވާނެ ކަމަށެވެ.