އާސެނަލް ފުޓްބޯޅަ ކްލަބްގެ މޮރޮކޯ ފޯވަޑް މަރުއާނޭ ޗަމަކް، ޕްރިމިއާ ލީގު ކްލަބެއް ކަމަށްވާ ކްރިސްޓަލް ޕެލަސް އަށް ސޮއިކޮށްފި އެވެ.

ބޯޑޯއިން 2010 ވަނަ އަހަރު އާސެނަލްއާ ގުޅުނު 29 އަހަރުގެ ފޯވަޑް ވަނީ އާސެނަލްއަށް އޭނާ ކުޅުނު ފުރަތަމަ ސީޒަންގައި 11 ލަނޑު ކާމިޔާބުކޮށްފަ އެވެ. އެހެން ނަމަވެސް ވޭތުވެ ދިޔަ ދެ ސީޒަންގައި އާސެނަލްއަށް އޭނާ ކާމިޔާބުކޮށްދީފައިވަނީ އެންމެ ތިންލަނޑެވެ.

ޗަމަކް ކްރިސްޓަލް ޕެލަސްއާ ގުޅުނީ އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ނެވެ. އަދި އެ ކްލަބްގައި އޭނާ ލަނީ 29 ނަންބެރު ޖާޒީ އެވެ.

މިއަހަރުގެ ޖެނުއަރީގައި ލޯން އެއްބަސްވުމެއްގެ ދަށުން ޗަމަކު، ވެސްޓްހެމްއާ ވެސް ގުޅުނެވެ. އެކަމަކު އެ ކްލަބަށް ވެސް އޭނާ ކުޅެފައިވަނީ އެންމެ ތިން ފަހަރު އެވެ.

ޗަމަކް އަކީ ކްރިސްޓަލް ޕެލަސް އަށް މި ހިނގާ ޓްރާންސްފާގައި ގެނައި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެކުލަބުން ގެނައި ކުޅުންތެރިންގެ ތެރޭގައި ހިލޭ ޓްރާންސްފާއެއްގައި ގެނައި ކެވިން ފިލިޕްސްއާއި ޕީޓާބަރާއިން ގެނައި ޑްވައިޓް ގައޭލް ހިމެނެ އެވެ.

ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ކުރިމަތިލާނީ ޓޮޓެންހަމް ހޮޓްސްޕާއާ އެވެ.