13 Aug 2013, 10:48
މާލޭގެ ހުސް ބިންތައް އެކި މީސްމީހުންނަށް މާލޭ ސިޓީ ކައުންސިލުން ދޫކުރުމުގެ ފަހަތުގައި އަޑިނޭނގޭ ކަންތައްތަކެއް ހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދުގެ ރަނިންމޭޓް އަދި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމިން އަލީ ވިދާޅުވެއްޖެ އެވެ.
"ގައުމައިގެން ކުރިއަށް ކޯލިޝަން" ކެމްޕޭން ޖަގަހާގައި ރޭ ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ސިޓީ ކައުންސިލުން މާލޭގެ ހުސް ބިންތައް އެކި މީސް މީހުންނަށް ދޫކުރަމުންދާ އިރު އެ ބިންތަކުގެ ތެރޭގައި ސިޓީ ކައުންސިލްގެ ބާރުގެ ދަށުގައި ނުހިމެނޭ ބިންތައް ވެސް ދޫކުރާ ކަމަށެވެ. އަދި ވިދާޅުވީ މާލެ ކަހަލަ ތޮއްޖެހިފައިވާ ތަނެއްގައި އެފަދަ ހުސްބިންތައް ހުންނަނީ ރައްޔިތުންގެ ފަސޭހައަށް ކަމަށެވެ. އެހެން ނަމަވެސް މިއަދު އެތަންތަން އެކި މީސްމީހުންނަށް ކުއްޔައްދީ އެ ތަންނަނުގައި ރެސްޓޯރެންޓްތައް ހަދަމުންދާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"މާލޭގައި ހުސް ޖާގައިގެ ގޮތުގައި މީހުން މަޖާކޮށްލަން ހަދަން ހުރި ތަންތަނުގައި، ކިރިޔާ ތަންކޮޅެއް އޮތަސް ކެފޭއެއް ނޫނިއްޔާ ރެސްޓޯރަންޓެއް، ބައެއް ކުދިކުދި ތަންތަނުގައި ދެ ރެސްޓޯރަންޓަކާއި ގުދަނަކާ ހުންނަ ތަންތަން ވެސް އެބަ ފެނޭ. މިކަންކަން މިކުރަން ކޮން މަގުސަދެއްގައިތޯ؟ މިއީ މާލޭގެ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރާ ކަމެއްތޯ އަޅުގަނޑު ހިތުން މިއަދު އެބަ ޖެހޭ ވިސްނަން. ހުސް ބިންތަކުގެ ބޭނުން ގެއްލޭ ގޮތަށް، 20 އަހަރަށް ނުވަތަ 25 އަހަރަށް ދޫކުރަމުންދާ އިރު އޭގެ ތެރޭގައި ސީދާ މާލޭ ސިޓީ ކައުންސިލްގެ ބާރު ނުހިނގާ ބިންތައް ވެސް ހިމެނޭ،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން އެގޮތަށް ކަންތައް ކުރަމުން ގެންދަނީ މާލޭގެ ރައްޔިތުންނަށް ހެޔޮއެދޭތީ ނޫން ކަމަށެވެ. އަދި ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ އެ މީހުންގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"މާލޭގެ ރައްޔިތުންގެ މަސްލަހަތަށް ވުރެ އެހެން މަސްލަހަތެއް މީގައި ވާނެކަން މިއީ މިއަދު އާންމުކޮށް ރައްޔިތުން ދައްކާ ވާހަކައެއް. މި ކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ފުންކޮށް ވިސްނަން ޖެހޭ. ކިރިޔާ ވެސް ހުސް ޖާގަ އޮތް ސަރަހައްދެއް ވިއްޔާ ދިގު މުއްދަތަށް އެކި މީސްމީހުންނަށް ކުއްޔަށް ދެމުން ދިއުމުގެ ފަހަތުގައި އަޑި ނޭނގޭ ކަންތައްތަކެއް ހުންނާނެ،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ މާލޭގެ ރައްޔިތުން އެމްޑީޕީ އަށް މާލޭ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު ދިނީ ވަރަށް އިތުރުބާރު ކޮށްފައި ކަމަށާއި އެހެން ނަމަވެސް މިއަދު ސިޓީ ކައުންސިލުން އަމަލު ކުރަމުންދާ ގޮތުން އެމްޑީޕީއާއި އެމްޑީޕީގެ ލީޑާޝިޕާ މެދު ސުވާލު އުފެދޭ ކަމަށް ތަސްމީން ވިދާޅުވި އެވެ.
ދާދިފަހުން މާލޭ ސިޓީ ކައުންސިލުން ވަނީ ޓީ ޖެޓީ ވެސް ހިމެނޭ ގޮތަށް މާލޭ ހުޅަނގު ހާބަރު 25 އަހަރު ދުވަހަށް މަހަކު 400،000 ރުފިޔާގެ ރޭޓުން ކުއްޔަށް ދީފަ އެވެ. އަދި ގަލޮޅު، ކުރީގެ ބޮޑު އިންޖީނުގެ ހުރި ތަނުގައި އޮތް ޕާކްތެރޭގައި ކެފޭތަކާއި ހޮޓާ ފަދަ ތަންތަން ހަދައި އެ ތަނުގައި ބިދޭސީން ނިންދެވުން ފަދަ ކަންކަންކޮށް ޕާކް ވަނީ ކުޑަކުދީންނަށް ވަދެނޫޅޭވޭ ވަރުކޮށްފަ އެވެ. އަދި މާފަންނު ކުރީގެ ކުލީ ބައިގައި ހުރި ތަނުގެ ޕާކް ވެސް ވަނީ ބޮޑު ކެފޭއެއް ހަދައި ކުޑަކުދިން ކުޅެ އުޅުމަށް ޖާގަ ގެއްލި، މާހައުލު ވެސް ނެތިފަ އެވެ.