13 Aug 2013, 10:29
ރައީސް މައުމޫންގެ ދައުރުގައި ބިނާކުރި ހުޅުމާލެ އިތުރަށް ތަރައްގީކޮށް އެ މަޝްރޫއު ކާމިޔާބުކުރުމަށް ޓަކައި ޕީޕީއެމްގެ ސަރުކާރެއްގައި މާލެ އާއި ހުޅުމާލެއާ ދޭތެރޭގައި ބްރިޖެއް އަޅާނޭ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން އުތުރުގެ އަތޮޅުތަކަށް ކުރި ކެމްޕެއިން ދަތުރުތައް ނިންމާލުމަށް ފަހު ރޭ އިބްރާހީމް ނާސިރު އިންޓަނޭޝަންލް އެއާޕޯޓުގައި ސަންއިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ޔާމީން ވިދާޅުވީ ހުޅުމާލެ ތަރައްގީކުރުމުގެ މަޝްރޫއަކީ ރައީސް މައުމޫނުގެ އޭރުގެ ތަސައްވުރެއް ފަދައިން ޕީޕީއެމްގެ މިހާރުގެ ވެސް ތަސައްވުރެއް ކަމަށެވެ.
"އާދެ ޝައްކެއް ވެސް ނެތް، ހުޅުމާލެއަކީ ރައީސް މައުމޫނުގެ އޭރުގެ ތަސައްވުރު އަދި އަޅުގަނޑުމެންގެ ވެސް މިހާރު ވެސް ކޮންޓިނިއު ކުރަމުންގެންދާ ތައްސައްވުރު. ހުޅުމާލެއަކީ މާލޭގެ އާބާދީ ބޮޑުވެގެން މާލޭގެ އާބާދީ އަށް ހައްލެއް ހޯދައި ދިނުމަށްޓަކައި ހަމަ އެތައް ބައެއް ހުޅުމާލެ އަށް ބަދަލުވުމާ އަދި ރަށްރަށުން މި ސަރަހައްދަށް އަންނަން ބޭނުންވާ މީހުންނަށް ގެދޮރުގެ ފަސޭހަތައް ހޯދައިދި ނުމަށް ފެށިފައިއޮތް މަޝްރޫއެއް. އަދި އެ މަޝްރޫއު އެގޮތަށް އެއޮތީ ކުރިއަށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގަ އާއި އަދި މިހާރުވެސް ޒުވާނުންނަށް ބޭނުންވާ މުނިފޫހި ފިލުވުމާއި އަދި ކުޅިވަރުގެ ސާމާނާއި އެހެނިހެން ހަރަކާތްތަކާއެކީ ޔޫތު ވިލެޖެއް ނުވަތަ ޔޫތު ސީޓީއެއް ހައްދަވާ ވާހަކަ އެމަނިކުފާނު ދައްކަވާފައިވާނެ ކަމަށާއި އެކަން ހާސިލް ކުރުމަށް ހުޅުމާލެ މަޝްރޫއަކީ ވަރަށް އިސްކަމެއްދީގެން ކުރިއަށް ގެންދަވާނޭ މަޝްރޫއެއް ކަމަށެވެ.
"އަޅުގަނޑު ދަންނަވާފައި އޮންނާނެ 50000 ޒުވާނުންނަށް، އެއީ ކޮންމެހެން ކޮންމެ ޒުވާނަކަށް ވަކި ފްލެޓެއް ހުންނަ ވާހަކައެއް ނޫން. މި ސިޓީގައި އެކޮމަޑޭޓް ކުރެވޭ ވަރަށް އިންފްރާސްޓްރަކްޗާ އެކީގައި ގާއިމް ކުރާނަން. އެހެންވީމާ އެވަރުގެ އާބާދީއަކާ އެކީގައި މިހާރު ހުޅުމާލޭގައި މިއުޅޭ 15000 ހާސް މީހުންނާއެކީ މި އާބާދީ އަޅުގަނޑުމެން ގަބޫލުކުރަނީ ފަސް އަހަރުގެ ތެރޭގައި 150000 އަށް ވުރެ މައްޗަށް ހިނގައި ދާނޭ ކަމަށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެވަރުގެ ބޮޑުއާބާދީ އަކަށް ހުޅުމާލެ ތަރައްގީކުރާއިރު މާލެ އާއި ހުޅުމާލެއާ ދޭތެރޭގައި ބްރިޖެއް އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.