ޓޫރިޒަމް ދާއިރާގައި ބައިނަލް އަގުވާމީ ގޮތުން ދެވޭ އެވޯޑެއް ކަމުގައިވާ ވޯލްޑް ޓުރެވަލް އެވޯޑްސް އިން އެންމެ "ރޮމޭންޓިކް" ނޫނީ ލޯބީގެ މަންޒިލްގެ އެވޯޑް ރާއްޖެ އަށް ދެ ވަނަ ފަހަރަށް ލިބިއްޖެ އެވެ.


އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި އެވޯޑް ދިނުމަށް އާދިއްތަ ދުވަހު ބޭއްވުނު ރަސްމިއްޔާތުގައި ރާއްޖެ އަށް އެ އެވޯޑް ލިބިފައި ވަނީ އިންޑޮނީޝިއާގެ ބާލީ އާއި އެމެރިކާގެ ހަވާއީ އާއި މޮރިޝަސްއާ ވާދަކޮށްގެންނެވެ.


ދަތުރުފަތުރުކުރުމުގެ އިންޑަސްޓްރީގައި ދޭ "އޮސްކާ" އެވޯޑްގެ ގޮތުގައި މަޝްހޫރުވެފައިވާ ވޯލްޑް ޓްރަވެލް އެވޯޑްސްގެ ރޮމޭންޓިކް މަންޒިލަށް ރާއްޖެ ހޮވުނު މިއީ  ދެވަނަ ފަހަރެވެ. މީގެ ކުރިންވެސް 2007 ވަނަ އަހަރު ރާއްޖެއަށް މި އެވޯޑު ލިބިފައިވެ އެވެ.


މި ފަހަރުގެ ވޯލްޑް ޓްރަވެލް އެވޯޑްސްގައި ރާއްޖެ އަށް ވަނީ އިންޑިއާ ކަނޑުގެ ލީޑިންގް ކްރޫސް ޑެސްޓިނޭޝަނާއި ހަނީމޫން ޑެސްޓިނޭޝަންގެ އެވޯޑް ވެސް ލިބިފަ އެވެ. އަދި ރާއްޖެ ވަނީ ވޯލްޑް ލީޑިން ބީޗާއި ލީޑިންގް އައިލެންޑް ޑެސްޓިނޭޝަން ކެޓަކަރީ އަށް ވެސް ނޮމިނޭޓްވެފަ އެވެ.


ލަންޑަންގައި އޮތް ހަފްލާގައި ރާއްޖޭގެ ބައެއް ޓޫރިސްޓް ރިސޯޓްތަކަށް ވެސް ވަނީ  އެވޯޑްތަކެއް ލިބިފަ އެވެ. އޭގެ ތެރޭގައި އަދާރަން ޕްރެސްޓީޖަށް ވޯލްޑް ލީޑިންގް ވޯޓާ ވިލާސްގެ އެވޯޑް އަދި ބަނިޔަން ޓްރީ އަށް ވޯލްޑް ލީޑިންގް ސީއެސްއާރު ޕްރޮގްރާމްގެ އެވޯޑް ލިބިފައިވެ އެވެ.


ވޯލްޑް ޓުރެވަލް އެ ވޯޑަކީ 1993 ވަނަ އަހަރުން ފެށިގެން ޓްރަވެލް އިންޑަސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް އަހަރަކު އެއް ފަހަރު ދެމުން އަންނަ އެވޯޑެކެވެ.