ޖޫޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރާ ގޮނޑި ހުސްވެފައި ވާތީ އެ ގޮނޑި އަށް ބޭފުޅަކު އައްޔަން ކުރުމަށް މި މަހުގެ 20 ވަނަ ދުވަހަށް އެޖެންޑާ ކޮށްފި އެވެ.

ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީސް ތަމްސީލު ކުރާ ގޮނޑި ހުސްވެފައި ވަނީ އެ ގޮނޑި ކުރިން ތަމްސީލު ކުރެއްވި، މާމިގިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާތީ ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުގެ މަތިން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޖޭއެސްސީގެ ގާނޫނުގައި ބުނަނީ ޖޭއެސްސީގައި ހުންނަވާ މެންބަކު ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނަކުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތި ލައްވައިފި ނަމަ އެ މެންބަރަކު އެ މަގާމުން ވަކިވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ޖޭއެސްސީގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރާ ގޮނޑި މިހާރު ހުސްވެފައިވާ ކަމަށާއި އެހެންކަމުން އެ މަގާމަށް އަލުން މެންބަރަކު އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މި މަހުގެ 20 ވަނަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ކަމަށެވެ.