13 Aug 2013, 09:44
ވޮޝިންޓަން (އޮގަސްޓް 13): ޔޫރޭނިޔަމް ފައްކާކުރުމުގެ ގާބިލްކަން އުތުރުކޮރެޔާ އިން ދެގުނައަށް އިތުރުކޮށްފައިވާ ކަމަށް އެމެރިކާގެ ދިރާސާ މަރުކަޒަކުން ބުނެފި އެވެ.
އުތުރުކޮރެޔާގެ ނިއުކްލިޔާ ޕްރޮގްރާމާ ބެހޭ ދިރާސާތައް ކުރާ އެމެރިކާގެ މަރުކަޒެއް ކަމަށްވާ "އިންސްޓިޓިއުޓް އޮފް ސައެންސް އެންޑް އިންޓަނޭޝަނަލް ޕީސް" އިން ބުނީ ސެޓަލައިޓްގެ އެހީގައި ލިބިފައިވާ މަޢުލޫމާތަށް ބަލާ އިރު އުތުރުކޮރެޔާގެ މައި ނިއުކްލިޔާ މަރުކަޒުކަމަށްވާ ޔޮންގްބިޔޮންގް ނިއުކްލިޔާ ރިއެކްޓަރުގައި ޤާއިމްކޮށްފައިވާ ޔޫރޭނިޔަމް ފައްކާކުރުމުގެ ވަސީލަތްތައް ދެގުނައަށް އިތުރުކޮށްފައިވެ އެވެ. މިކަން ސެޓަލައިޓް ފޮޓޯތަކުންނާއި އެނޫން މަޢްލޫމާތުތަކުން ހާމަވާކަމަށް އެ އިންސްޓިޓިއުޓުން ބުނެ އެވެ.
އުތުރުކޮރެޔާގެ އެންމެ ބޮޑު ނިއުކްލިޔާ މަރުކަޒު ކަމަށްވާ ޔޮންގްބިޔޮންގް ނިއުކްލިޔާ ރިއެކްޓަރުގައިވާ ނިއުކްލިޔާ ސެންޓްރިފިއުޖް ސަރަހައްދު ފާއިތުވި ހަތަރު މަހުގެ ތެރޭގައި ދެގުނައަށް ބޮޑުކޮށްފައިވާ އިރު މިކަމާބެހޭ މެޝިންތަކާއި ލެބޯޓްރީތައް ވެސް އިތުރުވެފައިވާކަން ސެޓަލައިޓް ފޮޓޯތަކުން އެނގޭ ކަމަށް "އިންސްޓިޓިއުޓް އޮފް ސައެންސް އެންޑް އިންޓަނޭޝަނަލް ޕީސް" އިން ނެރުނު ރިޕޯޓެއް ބުނެ އެވެ. އުތުރުކޮރެޔާއަކީ ތިން ފަހަރެއްގެ މަތިން ނިއުކްލިޔާ ތަޖްރިބާތައް ކޮށްފައިވާ ގައުމެކެވެ. އުތުރުކޮރެޔާ އިން 10 އާއި 15 އާ ދެމެދުގެ އަދަދަކަށް ނިއުކްލިޔާ ބޮން އުފައްދައި ރައްކާކޮށްފައިވާ ކަމަށް ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ލަފާކުރެ އެވެ. (ރޮއިޓާސް)