ޤާހިރާ (އޮގަސްޓް 13) : މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން ޤާހިރާގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި މީގެ ސާޅީހަކަށް ދުވަސްކުރިން ފެށިގެން ކުރިޔަށްގެންދާ އިޙްތިޖާޖްތައް ރޫޅާލުމަށް މިސްރުގެ ވަގުތީ ސަރުކާރުން ނިންމި ނިންމުން އަނެއްކާ ވެސް ފަސްކޮށްފި އެވެ.
މިސްރުގެ ވަގުތީ ސަރުކާރާ ޙަވާލާދީ ބީބީސީ ބުނާ ގޮތުގައި އިޙްތިޖާޖްތައް ރޫޅާލުމުގެ މަސައްކަތް އިއްޔެ ހެނދުނު ފެށުމަށް ކުރިން ނިންމި ނިންމުން މިހާރު ވަނީ މުއްދަތެއްނެތި ފަސްކޮށްފަ އެވެ. ނަމަވެސް މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުގެ މުޒާހަރާތަކާއި އެއްވުންތައް ބާރުގެ ބޭނުންކޮށްގެން ނަމަވެސް ރޫޅާލުމަށް ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާ އެކަށޭނަ ވަގުތެއްގައި އެކަންކުރާނެކަން މިސްރުގެ ވަގުތީ ސަރުކާރުން ކަށަވަރުކޮށްދޭ ކަމަށްބީބީސީ ބުނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އިއްޔެ ހެނދުނު ރޫޅާލުމަށް މިސްރުގެ ސަލާމަތީ ބާރުތަކުން ރާވާފައިވާ ޕްލޭނަށް ކުއްލި ގޮތަކަށް ބަދަލުގެންނަން މަޖްބޫރުވީ މުޒާހަރާތައް ރޫޅާލާނެ ކަމުގެ އަޑުތަކާ އެކު މުރުސީ އަށް ތާއީދުކުރާ އިތުރު އެތަށް ހާސްބަޔަކު ޤާހިރާގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނަށް އިއްޔެ ޖަމާވުމާގުޅިގެންނެވެ.

މުރުސީ އަލުން ވެރިކަމަށް ގެނައުމަށް ގޮވާލައި އޭނާއަށް ތާއީދުކުރާ ހަތަރު ލައްކައެއްހާ މީހުން ޤާހިރާގެ މަދީނަތުއްނަސްރުގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނާއި ޖީޒާ ސަރަހައްދުގައިވާ ނަހްޒާ މައިދާނުގައި މިހާރު އެބަތިބިކަމަށް މުރާސިލުން ބުނެ އެވެ. މި އިޙްތިޖާޖްތައް ރޫޅާލާނެކަމުގެ އިންޒާރު މިސްރުގެ ސަލާމަތީ ބާރުތަކުން ދެފަހަރެއްގެ މަތިން ދީފައިވެ އެވެ. ނަމަވެސްމިފަދަ ޢަމަލެއްގެ ސަބަބުން ގިނަ އަދަދެއް ބަޔަކު މަރުވެ އަދި ޒަޚަމްވެގެންދާނެ ކަމަށްބެލެވިފައި ވާތީ މިސްރުގެ އެތެރޭންނާއި ބޭރުން ކުރިމަތިވަ ފިއްތުންތަކުގެ ސަބަބުން ސަލާމަތީ ބާރުތައް ދަނީ މިކަމަށް ފަސްޖެހެމުންނެވެ.

މުރުސީއަށް ތާއީދުކުރާ ފަރާތްތަކުގެ އިޙްތިޖާޖްތައް ފެށުނުތަނާ އެއިޙްތިޖާޖްތައް ރޫޅާލުމަށް މިސްރުގެ ސިފައިން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން 261 މީހަކު މަރުވެފައިވީ ނަމަވެސް އިޙްތިޖާޖްތައް ހުއްޓުމަކަށް އައިސްފައެއްނުވެ އެވެ. އިޚްވާން ޖަމާއަތަކީ މިސްރުގެ ސިޔާސީ އެންމެ ބޮޑު ބާރެވެ. މުރުސީ އަލުން ވެރިކަމަށް ގެނައުމަށް ގޮވާލައި އޭނާ އަށް ތާއީދުކުރާ ފަރާތްތަކުން ކުރަމުން ގެންދާ އިޙްތިޖާޖްތައް ދިގުލައިގެންދާތީ އޭނާ މަޤާމުން ދުރުކުރި މިސްރުގެ ސިފައިންނާއި ސިފައިންގެ ބެލުމުގެ ދަށުން އެކުލަވާލާފައިވާ ވަގުތީ ސަރުކާރުގެ ވެރިން ކަންބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.(އަލްޖަޒީރާ)