ދިރާގުގެ 2012 އަދި 2013 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޑް )މާލީ އަހަރުގެ ހިއްސާދާރުންނަށް އެންމެ ފަހުން ބަހާ ފައިދާ(ގެ ގޮތުގައި ހިއްސާއަކަށް 4.94ރ. ބަހަން އަހަރީ އާއްމު ޖަލްސާގައި ރޭ ފާސްކޮށްފި އެވެ.

އެ ކުންފުނީގެ 12/2013 ވަނަ އަހަރުގެ އިންޓަރިމް ޑިވިޑެންޑް )މާލީ އަހަރުގެ މެދުތެރޭގައި ހިއްސާދާރުންނަށް ބަހާ ފައިދާ(ގެ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ވަނީ ހިއްސާއަކަށް 4.35ރ. ބަހައިފަ އެވެ.

އަހަރީ އާއްމު ޖަލްސާގައި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 4.94ރ.ގެ މަގުން 374.7 މިލިއަން ރުފިޔާ (24.3 މިލިއަން ޑޮލަރު) ބަހަން ނިންމީ މިއަހަރުގެ ކުރީކޮޅު ޑިރެކްޓަރުންގެ ބޯޑުން ފާސްކުރި ގޮތަށެވެ. އެއާ އެކު މިދިޔަ އަހަރުގެ އިންޓަރިމް ޑިވިޑެންޑާ އެކު ހިއްސާއަކަށް ޖުމްލަ 9.29ރ. ޖެހެ އެވެ.

ދިރާގުގެ ޑިވިޑެންޓް ޕޮލިސީގައިވާ ގޮތުން ކޮންމެ އަހަރަކު ވެސް ދެ ފަހަރު ހިއްސާދާރުންނަށް ފައިސާ ބަހަ އެވެ. އެ ކުންފުނީގެ މާލީ އަހަރުގެ މެދުތެރޭގައި ހިއްސާދާރުންނަށް ބަހާ )އިންޓަރިމް ޑިވިޑެންޓް( ފައިސާ އާއި ކުންފުނީގެ މާލީ އަހަރު ނިމުމުން ކަނޑައަޅާ )ފައިނަލް( ޑިވިޑެންޓް އަށްވާ ފައިސާ ހިއްސާދާރުންނަށް ބަހާ ގޮތަށް ހަމަޖައްސާފައިވެ އެވެ.

އެ ކުންފުނިން ވަނީ މި އަހަރުން ފެށިގެން ދިރާގުގެ މާލީ އަހަރު ފެށޭނީ ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ކަމަށް ވެސް ފާސްކޮށްފަ އެވެ.


ޖުމްލަ 89 ހިއްސާދާރުން ހާޒިރުވި އަހަރީ އާއްމު ޖަލްސާއަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ދިރާގުގެ ޗެއާޕާސަން އިބްރާޙިމް އާތިފް ޝުކޫރު ވިދާޅުވީ ޑިވިޑެންޑް ޕޮލިސީ ބަދަލުކުރަން މިއަދު ބޭއްވި ޑިރެކްޓަރުންގެ ބޯޑުގައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއަށް އަންނާނެ ބަދަލެއް ދަންނަވަން އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ އެ ސުވާލު ފެށިގެން މިއައީ އެއީ ކުރެވިދާނެ ކަމެއްތޯ. އެގޮތަށް ބަލާއިރު ތިން މަހަށް ބޭނުންވާ އޮޕަރޭޝަނަލް ކޭޝް އެ އަހަރަކަށް ބޭނުންވާ ކެޕިޓަލް އައިޓަމް ގަތުމަށް ބޭނުންވާ ކޭޝް ބެހެއްޓުމަށްފަހުގައި ދެން ޕޭމަންޓެއް މިހަދަނީ. އެއީ ކުރީގައި އޮތް ޑިވިޑެންޑް ޕޮލިސީ ބަދަލުކުރުމަށް ފަހު ވޭތުވެދިޔަ ހަތަރު އަހަރު އަމަލުކުރީ،" އާތިފް ވިދާޅުވި އެވެ.

ބޭރުގެ ހިއްސާދާރުންނަށް ޑޮލަރުން ހިއްސާގެ ފައިދާ ބަހާތީ އާއްމު ހިއްސާދާރުން މިރޭ ކުރި ޝަކުވާތަކާ ގުޅިގެން އޭނާ ވިދާޅުވީ ބޭރުގެ އިންވެސްޓަރުން އަންނަނީ އެއްގޮތަކަށް ވެސް ދިވެހި ރުފިޔާ ބޭނުންވެގެން ނޫން ކަމަށެވެ. އަދި ކުންފުންޏަށް ބޭނުންވާ ޑޮލަރު ނުލިބޭ މައްސަލައާ ބެހޭ ގޮތުން މިއަދު ބޭއްވި ބޯޑު ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް އާތިފް ވިދާޅުވި އެވެ.

"ބޯޑުން ނިންމީ ސީދާ އަޅުގަނޑުގެ ބަލަހައްޓާ ކޮމިޓީއަކުން ނިންމީ އެއްޗެތި ގަތުމުގައި އާއި ޑިވިޑެންޑް ދިނުމުގައި ވެސް ޑޮލަރު ސޭވްކުރެވޭނީ ކިހިނެތްތޯ. އަދި ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރުމަށް ވެސް މަޝްވަރާކުރެވުނު. އަދި އެކަންތައް ދިރާސާކުރުމަށް ފަހު ބޯޑަށް ހުށަހަޅަން ނިންމި،" އޭނާ ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ ބޭރު ފައިސާ ލިބުން ދަތިވެފައިވާ އިރު ޑިވިޑެންޑް ޕޮލިސީ ބަދަލުކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.