ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު ދުވަސް ތެރޭގައި 70 ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމުކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ ލޮނުޒިޔާތްކޮޅުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި 17 އަށްވުރެ ގިނަ ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމު ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެނަކީ ވައުދުވާ ޕާޓީއެއް، ވައުދު ފުއްދާ ޕާޓީއެއް. އިރާދަކުރެއްވިއްޔާ 70 ރަށުގެ ނަރުދަމާގެ ނިޒާމް ފުރަތަމަ އަހަރުގެ ތެރޭގައި ގާއިމުކޮށްދޭނަން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ފަރާތުން އޯގަސްޓް، 12، 13 ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ 2011 ވަނަ އަހަރު ސަރުކާރުން ތައާރަފްކުރި އާސަންދަ އާއި އެކު ބޭސް ސިޓީއަށް ސަލާން ޖެހުން ނިމުމަކަށް އައިސްފައިވާ ކަމަށާއި އެމްޑީޕީ ސަރުކާރުން 39 ރަށެއްގައި ޓެލެމެޑިސިންގެ ނިޒާމް ގާއިމުކޮށްފައިވާ ކަމަށެވެ. އެމޭރުމުން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ގައުމިއްޔަތެއް ބިނާކުރުމަކީ އެންމެ ކުޑަ މިނުންވެސް އަމިއްލަ ވަޒަނުގައި ބޭސްފަރުވާ ކުރުމުގެ ފުރުސަތު ލިބުން ކަމަށެވެ. ހަމަ އެހެންމެ ކުރިއަށް އޮތްތަނުގައި އެމްޑީޕީ ސަރުކާރެއްގައި ޑޮކްޓަރަކުގެ ކޮޓަރިން ނިކުންނާނީ ބޭސްސިޓީއާ އެކު ކަމަށްވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެމްޑީޕީ ސަރުކާރުގެ ސަބަބުން އެކަނިވެރި މައިންގެ ގޮތުގައި 70000 މީހުނަށާއި އަދި ނުކުޅެދޭ 5000 މީހުނަށް މިއަދުވެސް އިޖުތިމާއި ރައްކާތެރިކަން ފޯރުކޮށްދެއްމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި 243 ކުލާސްރޫމެއް އެމްޑީޕީ ސަރުކާރުގެ ތިން އަހަރު ދުވަސް ތެރޭގައި އަޅާފައިވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު އޮތީ އެމްޑީޕީގެ ދަބަހުގައި ކަމަށް އެމަނިކުފާނާއި ވާދަކުރައްވަން ތިބި ސިޔާސީ ވާދަވެރިން ބުނަމުންދާ ކަމަށާއި ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިހާބު އޮތީ "އެމްޑީޕީގެ އަންބޮނޑީގައި" ކަމަށެވެ.

"ސިޔާސީ ވާދަވެރިން ވިދާޅުވަނީ އިންތިހާބު އޮތީ އަޅުގަނޑުމެންގެ ދަބަހުގަ އޭ. ދަންނަވަންތޯ މި އިންތިހާބު އޮތީ އަޅުގަނޑުމެންގެ އަންބޮނޑީގައި. މި އިންތިހާބު އޮތީ ކިހިލި ޖަހައިލައިގެން މޮޅުވާ ގޮތަށް އިރާދަކުރެއްވިއްޔާ."

ރައީސް ނަޝީދު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު ޔަގީންވަނީ އެމްޑީޕީ އަކީ ވައުދުވެ ވައުދު ފުއްދާ ޕާޓީ އެއްކަމަށް ރައްޔިތުން ގަބޫލުކުރާތީ ކަމަށެވެ.