އެއީ ރަށުން ނުލިބޭ ފުރުސަތުތައް ހޯދުމަށް މާލެއަށް ހިޖުރަކުރި އާއިލާއެއްގެ ބޭފުޅެކެވެ. ނަމަވެސް އެބޭފުޅާގެ އުއްމީދުތައް ހުރީ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯއްދަވައި ދެއްވުމަށް ހިޖުރަކުރެއްވި ބައްޕާފުޅަށް ވުރެ މަތީގައެވެ. ރާއްޖޭގެ އަސްދަނޑިން ބޭރުގަ އެވެ.

މިއީ ޒާތީ ދިރިއުޅުއްވުމާ ބެހޭ ގޮތުން މިހާތަނަށް މާގިނަ ކަންތައްތަކެއް، މާގިނަ ބަޔަކަށް ނޭނގި އޮތް ބޭފުޅެއް ކަމަށްވާ ރައީސް ޑރ. މުހައްމަދު ވަހީދުގެ ތައާރަފަކަށް ފުދޭ އިބާރާތެކެވެ.

ދަތި ދުވަސްވަރެއްގައި މަތީ ތައުލީމު ހާސިލް ކުރި މަދު ދިވެހިންގެ ތެރޭގައި ހިމެނޭ ޑރ. ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅުވި ވަރު އެމަނިކުފާނު ވަނީ މިރޭ އެމްބީސީގެ ޓީވީ މޯލްޑިވްސް އާ ހިއްސާ ކުރައްވާފައެވެ.

"އަބަދުވެސް ރާއްޖޭން ބޭރަށް ދާހިތްވޭ، އެންމެ ކުޑަ އިރު ވެސް،" ކުޑައިރުގެ ހަނދާންތައް ހިއްސާކުރައްވަމުން ހިނިތުންވުމަކާ އެކު ރައީސް ވަހީދު ވިދާޅުވި އެވެ. ވަހީދު ވިދާޅުވީ އެކަމަށް އުއްމީދު ކުރެއްވުނަސް އޭރު އެފަދަ ތަނަވަސްކަމެއް އާއިލާގައި ނެތް ކަމަށެވެ.

"އޭރު ގޭ ކައިރީގައި އުޅުއްވާނެ ވަރަށް ގިނައިން ރާއްޖޭން ބޭރަށް ދަތުރުކުރައްވާ، ބޭފުޅެއް، ބޯޓް ދަތުރުކުރައްވާ ބޭފުޅެއް، އެބޭފުޅާއާ އެކީ ގެންދާށޭ ކިޔައިގެން ފަހަތުން ދުވިން، ދަތުރުވެސް ހެދިން،" ތުއްޕުޅު އިރު ކުރެއްވުނު މަޖާ ކަމެއްގެ ގޮތުގައި ރައީސް ވަހީދު ކިޔައިދެއްވި އެވެ.

ރައީސް ވަހީދަކީ ދަތި އުނދަގުލުން، ކެތްތެރިކަމާ އެކު ކަންތައްތައް ކުރައްވާ ބޭފުޅެއްކަން އެ މަނިކުފާނުގެ ޒަވާޖީ ހަޔާތްޕުޅު ފެއްޓެވި ގޮތް އަނބިކަނބަލުން އިލްހާމް ހުސައިން ކިޔައިދެއްވުމުން އެނގުނެވެ. އެގޮތުން އެ ދެބޭފުޅުން ވާހަކަ ދެއްކެވީ ފެނިދެނިވާތާ ފަސް އަހަރު ހޭދަވީ ފަހުން ކަމަށް އިލްހާމް ވިދާޅުވި އެވެ.

"ސްކޫލަށް ދާއިރު ދިމާވާނީ އަޅުގަނޑުމެން ގޭ ކަންމަތިން، އެހެން ނަމަވެސް އަދި އޭރު ވާހަކައެއް ނުދައްކަން. ވާހަކަ ދެއްކީ ގާތްގަނޑަކަށް ފަސް އަހަރު ފަހުން، އޭރު އެހާ ބޮޑު މިނިވަން ކަމެއް ނޯވޭ،" އިލްހާމް ވިދާޅުވި އެވެ.

ރައީސް ވަހީދަކީ އެއް ހައިސިއްޔަތަކުން ބަލާއިރު އާއިލީ ބޭފުޅެއް ނޫން ކަން އެ މަނިކުފާނު މިރޭ ދެއްކެވި ވާހަކަފުޅުން ދޭހަވި އެވެ. އެގޮތުން އެއްބަނޑު އެއްބަފާ ބޭފުޅުންނާ މާބޮޑު ގުޅުމެއް އޮތް ކަމަކަށް ވިދާޅެއް ނުވެ އެވެ. އެކަމަށް އެހާ ސާފު ޖަވާބެއް ވެސް ނުދެއްވަ އެވެ.

"ދެން ގިނައިން ރާއްޖޭން ބޭރުގައި އަޅުގަނޑަށް އުޅެވުނީ، "އެކަމާ މެދު ދެއްވީ މިޖަވާބެވެ.

ނަމަވެސް އަނބިކަނބަލުންނާއި ދަރިދަރި ކަނބަލުން އަދި ދަރިކަލުން ހިމެނޭ ކުޑަ އާއިލާއާ ހިސާބުން ނަމަ އެއީ ވަރަށް އާއިލީ ބޭފުޅެކެވެ. ދަރިންނަށް ވަގުތު ދެއްވައި، އެކުދިންގެ ކަންތައްތައް ކޮށްދެއްވި ބައްޕައެކެވެ.

ތުއްޕުޅު އިރުގެ ކަންތައްތައްތަކުގެ ތެރެއިން ވަހީދު އެންމެ ބޮޑަށް ހަނދާން ކުރައްވާ ކަންތައްތަކުގެ ތެރޭގައި މާލެއަށް ބޮޑު ރާޅު އަރާ ފަހަރުގައި އާއިލީ ބަކަރި ކޮށީގައި ތިބޭ ބަކަރިތައް ސަލާމަތް ކުރައްވަން ކުރެއްވި މަސައްކަތް ވިދާޅުވެ ދެއްވި އެވެ.

"އޭރު މާލެއަށް ބޮޑުރާޅު އަރާނެ ވަރަށް ގިނައިން. ދެން ބޮޑުރާޅު އަރަން ފެށީމަ އަޅުގަނޑުމެން ގޮސް ބަކަރިތައް ގެންނަނީ ގެއަށް. ދެން އެއީ ވަރަށް ހަނދާން ހުންނަ ކަމެއް،" މާޒީއާއި މާލޭގެ ހާލަތު އޭރު އޮތް ގޮތް ސިފަކޮށްދެއްވަމުން ޑރ. ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދުއާ ބެހޭ ގޮތުން މިރޭގެ ޕްރޮގްރާމްގައި ހިޔާލު ފާޅުކުރައްވައި، ކަންތައްތައް ކިޔުއްވައި ދެއްވި ބޭފުޅުންގެ މަދު ކަމާއި ދެއްކެވި ވާހަކަފުޅުތައް ވެސް މަދުކަމުން އެ ބޭފުޅާއާ ބެހޭ ގޮތުން އޮޅުންފިލި ކަންތައްތައް ވެސް މަދެވެ.
ނަމަވެސް އެނގުނު އެއްކަމެއް އެބަ އޮތެވެ. އެއީ ކެތްތެރިކަމާ އެކު ދަތި އުނދަގުލުން ކަންތައްތައް ހާސިލު ކުރެއްވި ބޭފުޅެއް ކަމެވެ.