12 Aug 2013, 22:09
މާލޭގެ ހުޅަނގު ދެކުނު ބަނދަރު (އާ ހާބަރު) ސަރަހައްދު ކުއްޔަށް ދިން މައްސަލާގައި ސިވިލް ކޯޓުން އިހުމާލުވެފައިވާ ކަމަށް ބުނެ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އާ ހާބަރު ކުއްޔަށް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
އަދި އެހެންކަމުން އެސަރަހައްދު ތަރައްގީކުރާނޭ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާންކުރި ބީލަމަކީ ބާތިލު ބީލަމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މައްސަލައެއް ސިވިލް ކޯޓަށް ވައްދާފައިވާނެ ކަމަށެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އެ މައްސަލަ ކޯޓަށް ހުށަހެޅި އަޑުއެހުންތައް ތާވަލުކުރެވުނު ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހެދި އަޑުއެހުންތައް ލަސްކުރަމުން ގޮސް މައްސަލައިގެ އަޑުއެހުމެއް ބޭއްވިފައި ވަނީ ކޯޓަށް މައްސަލަ ހުށަހެޅިތާ ހަތަރު މަސް ދުވަސް ފަހުން ކަމަށެވެ.
"މައްސަލަ ތާވަލުކުރެވިފައިވީ ނަމަވެސް، މާލޭ ސިޓީ ކައުންސިލުގެ ވަކީލު ސަލާމުގައި ހުންނެވުމާއި، ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުނުކުރެވުމާއި، މައްސަލަ ބަލާ ފަނޑިޔާރު ސަލާމުގައި ހުންނެވުމާއި، މާލޭ ސިޓީ ކައުންސިލުގެ އެދުމުގެ މަތިންނާއި، ސިޓީ ކައުންސިލުގެ ވަކީލު ކޯޓަށް ހާޒިރުނުވުމާއި، ސިޓީ ކައުންސިލްގެ ވަކީލުގެ އަތުން މައްސަލައިގެ ލިޔުންތައް ގެއްލުމާއި، ސިޓީ ކައުންސިލްގެ ވަކީލު އާލާސްކަންފުޅާ އުޅުއްވުމާ ހެދި މައްސަލައިގެ އެތައް އަޑުއެހުމެއް ވަނީ ކެންސަލްކުރެވިފައި" ބަންޑާރަ ނައިބުގެ ބަޔާނުގައިވެ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އެ މައްސަލަ ހުށަހެޅުމަށް ފަހު އަޑުއެހުންތައް ލަސްވަމުންދާތީވެ، އެކަން އަވަސްކޮށްދިނުމަށް ތިން ފަހަރެއްގެ މަތިން ސިވިލް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.
އަދި އެ މައްސަލަ ކޯޓުގައި އޮއްވާ، އިއްޔެ މާލޭ ސިޓީ ކައުންސިލުން އާ ހާބަރު ސަރަހައްދު ތަރައްގީކުރުމަށް 25 އަހަރަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި، އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތުން ސިވިލް ކޯޓުގެ އިހުމާލުވެފައިވާތީވެ މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެ އެވެ.
އާ ހާބަރު ސަރަހައްދު ތަރައްގީކުރުމަށް 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީފައި ވަނީ ވެސްޓް ގޭޓް އެސެޓްސް ޕްރައިވެޓް ލިމިޓެޑަށް މަހަކު 400،000 ރުފިޔާ އަށެވެ.
ސިޓީ ކައުންސިލުން މިކަން އިއުލާންކުރަމުން ބުނެފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާއިން އެ މައްސަލަ ބެލުމަށް ފަހު އެއްބަސްވުމާއިގެން ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށެވެ.
ނަމަވެސް ހައުންސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މާލޭ ސިޓީ ކައުންސިލުން އާ ހާބަރު ކުއްޔަށް ދީފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.