އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި މިދިޔަ އަހަރު އެންމެ ގިނަ ފިރިހެން ކުދިންނަށް ކިޔާފައިވާ އެންމެ މަގުބޫލު ނަމަކީ "މުހައްމަދު" ކަމަށް އެ ގައުމުގެ އޮފީސް އޮފް ނެޝަނަލް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.

އިނގިރޭސިވިލާތުގެ އޮފީސް އޮފް ނެޝަނަލް ސްޓެޓިސްޓިކްސް (އޯއެންއެސް) އިން ނެރެފައިވާ ސްޓެޓިސްޓިކަލް ބުލެޓިން "ބޭބީ ނޭމްސް – އިންގުލެންޑް އެންޑް ވޭލްސް، 2012"ގައި ބުނެފައި ވަނީ ލަންޑަންގައި ވިހޭ ކުދިންގެ ތެރެއިން އެންމެ ގިނަ ފިރިހެން ކުދިންނަށް ކިޔާފައިވާ ނަމަކީ "މުހައްމަދު" ކަމަށާއި މިއީ މިނަން ލަންޑަންގެ އެންމެ މަގުބޫލު ނަމުގެ ލިސްޓުގެ އެއްވަނަ އަށް އެރި ފުރަތަމަ ފަހަރު ކަމަށެވެ.

"މުހައްމަދު" އަކީ މުޅި އުއްމަތަށް ރަސޫލެއްގެ ގޮތުގައި މާތް ﷲ ފޮނުއްވެވި އެންމެ ފަހުގެ ރަސޫލާ މުހައްމަދު (ސައްލަ ﷲ އަލައިހި ވަސައްލަމް) އަށް ނިސްބަތްކޮށް ގިނަ އަދަދެއްގެ މުސްލިމް ފިރިހެން ކުދިންނަށް ކިޔަމުން އަންނަ ނަމެކެވެ. އިސްލާމީ ގިނަ މުޖުތަމައުތަކުގައި "މުހައްމަދު" ވެފައި ވަނީ އެންމެ މަގުބޫލު ފިރިހެން ނަމަށެވެ.

ލަންޑަންގެ އެންމެ މަގުބޫލް ނަމަކީ "މުހައްމަދު" ކަމަށް އޯއެންއެސްގެ ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް، 2012 ވަނަ އަހަރު މިނަން ދީފައި ވަނީ ކިތައް ކުދިންނަށް ކަމެއް މިތަފާސް ހިސާބުގައި އާއްމުކޮށްފައެއް ނުވެ އެވެ.

"ދަ ކޮލަމްބިއާ އެންސައިކްލޮޕީޑިއާ"ގެ ހަ ވަނަ އަދަދުގައި ބުނެފައިވާ ގޮތުން ނަމަ "މުހައްމަދު"، މިނަމަކީ ދުނިޔޭގައި ފިރިހެން ކުދިންނަށް ދެވޭ ނަންތަކުގެ ތެރެއިން އެންމެ މަގުބޫލު ނަމެވެ.