13 Nov 2010, 08:42
ހުޅުމާލޭގައި އިމާރާތް ކުރާ 1،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު އަޅުއްވައި ދެއްވި ބިންގާ 48 ގަޑި އިރު ނުވަނީސް ބަޔަކު ވަގަށް ނަގައިފި އެވެ.
ހުޅުމާލޭގައި ދިރިއުޅޭ ބައެއް އާންމު ރައްޔިތުން މިއަދު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބުނީ ބިންގާ ވަގަށް ނަގާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް ބިންގާ ބަހައްޓާފައި ހުރި ފާރު ބުރިއަށް އަދި އެ ނޫން އެއްވެސް އެއްޗަކަށް ގެއްލުން ދީފައިނުވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ހައުސިން ޑިވެލެޕްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވީ ބިންގާ ވަގަށް ނެގިކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
ފްލެޓްތަކުގެ ބިންގާ ރައީސް ނަޝީދާއި ނެޝަނަލް މެޝިނަރީ އެންޑް އިކުއިޕްމަންޓް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕްރޭޝަން (ސީ.އެމް.އީ.ސީ) ގެ ނައިބު ރައީސް ލީޗަންޔަން އަޅުއްވައިދެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ހުޅުމާލޭގައި އަޅާ 1،000 ހައުސިން ޔުނިޓަކީ ސަރުކާރުން ކުރިއަށް ގެންދަވާ 10،000 ފްލެޓް އެޅުމުގެ މަޝްރޫގެ ދަށުން އަޅާ ހައުސިން ޔުނިޓް ތަކެކެވެ.