12 Aug 2013, 20:23
ހދ. ކުޅުދުއްފުށީ ގެއަކުން ވައްކަންކުރި މީހަކު ތިން އަހަރާއި ހަ މަސްދުވަހަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ކުޅުދުއްފުށީ ލަންދޫގެ، މުހައްމަދު އިބްރާހީމް 27، ގެ މައްޗަށެވެ.
މުޙައްމަދު އިބްރާހީމް ތިން އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކުޅުދުއްފުށީ ގެއެއްގެ ތެރޭގައި އޮތް ހަތް ފޫޓުގެ ދަގަނޑެއް ވަގަށް ގެންގޮސްފައިވާތީ އެވެ.
ކުޅުދުއްފުށީ ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އެ ދަގަނޑު ވަގަށް ނަގާފައިވާކަމަށް މުހައްމަދު އިބްރާހީމް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ އަކީ ވައްކަމާއި ފޭރުން އަދި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުގެ ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށެވެ.