12 Aug 2013, 20:15
އައިޖީއެމްއެޗުން އަންހެނެއްގެ އަތްދަބަހެއް ވަގަށްނެގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ކ. މާފުށީގައި ހުއްޓާ ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހދ.ކުރިނބި ހުވަނދުމާގެ އާދަމް ޝަހީމް 27، އެވެ.
އޭނާ ހޯދުމަށް ފުލުހުން އިއްޔެ ވަނީ ވީޑިއޯ ފްޓޭޖެއް އާންމުކޮށްފަ އެވެ.
ފުލުހުން އާންމުކުރި އެ ވީޑިއޯ އިން އައިޖީއެމްއެޗުގެ ކުޑަކުދީންގެ ވޯޑުގެ ތެރެއިން މީހަކު އަންހެނެއްގެ އަތްދަބަހެއް ހިފައިގެން ނުކުންނަ މަންޒަރު ފެނެ އެވެ.
އަތްދަބަސް ހިފައިގެން ލިފްޓުން އަރައިގެން އެމީހާ ތިރިއަން އަންނަ ވަގުތު ޚިދުމަތް ހޯދަން ތިބި ބައެއް މީހުން ވެސް އެ ވީޑިއޯ އިން ފެނެ އެވެ. އެ މީހުން ތިބެނީ އެ މީހާއާ ދިމާލަށް ބަލަހައްޓައިގެންނެވެ.
އެ ވީޑިއޯ އިން ފެންނަގޮތުގައި އެ މީހާ ދެން ދަނީ އެ ހޮސްޕިޓަލްގެ އެމަޖެންސީ ބަޔާއި ދިމާލަށެވެ. އެތަނަށް ގޮސް ސެކިއުރިޓީ ގާޑާއި ވާހަކަދައްކަން ކުޑަވަގުތުކޮޅަކު ހުރުމަށް ފަހު އެމީހާ ބޭރަށްދާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެ ދުވަހުގެ ހެނދުނު 6:45 އެހައިކަންހާއިރު ކަމަށެވެ.
އޭނާ އަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޖިނާއީ ކުށްތައް ހިންގާ މީހުން ހޯދުމަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
:http:// http://www.youtube.com/watch?v=7LF3S4Ppogo