ރާއްޖޭގެ ކޮންމެ އާއިލާއެއްގެ މެޑިކަލް ހިސްޓްރީ ބަލަހައްޓައި އާއިލީ ވާރުތަ ބަލިތައް ދެނެގަތުމަށް ޕީޕީއެމްގެ ސަރުކާރެއްގައި ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ހުންނާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކު ޕީޕީއެމްގެ ލީޑާޝިޕުން އުތުރަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ހއ. ދިއްދުއަށް ވަޑައިގެން ޔާމިން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި އާންމު ބަލިތަކަށް ހާއްސަ ކުރާ ކްލިނިކްތަކެއް ރަޖިސްޓްރީ ކުރާނެ ކަމަށާއި އެ ކްލިނިކްތަކުގައި ޖެނަރަލް ޕްރެކްޓިޝަނާ ޑޮކްޓަރުން ތިއްބަވާނެ ކަމަށެވެ.

"އާންމު ބަލިތަކަށް ހާއްސަ ކުރާ ޑޮކްޓަރުން ކޮންމެ އާއިލާއަކަށް، ޖީޕީ [ޖެނަރަލް ޕްރެކްޓިޝަނާ] ޑޮކްޓަރެއް ހުންނާނެ ޖީޕީ ކްލިނިކެއް ހުންނާނެ. މި [ކްލިނިކްތައް] ރަޖިސްޓްރީ އަޅުގަނޑުމެން ކުރާނަން. މިކަން ކުރުމުގެ ބޭނުމަކީ ފަސޭހަކަމާ އެކީ އެ އާއިލާއެއްގައި ހުންނަ ވާރުތަ ކުރާ ބަލިތައް، ހަކުރު ބަލި، މައްޗަށް ދިއުން ކަހަކަލަ ކަންތައްތައް މުޅި އާއިލާގެ މެޑިކަލް ހިސްޓްރީ ދެނެގަތުމަށް ފަސޭހަ ވާނީ އެކި ފަހަރު އެކި މީހުންނަށް ދެއްކުމެއް ނޫން،" ޔާމިން ވިދާޅުވީ އެވެ.

އާއިލާއަށް ހާއްސަވެފައި ހުންނަ ކްލިނިކް ޑޮކްޓަރު މެދުވެރިކޮށް ހާއްސަ ބަލިތަކުގެ ޑޮކްޓަރަކަށް ބަލިމީހާ ދެއްކުމުން އާއިލީ މެޑިކަލް ހިސްޓްރީ އެނގުމުން ފަސޭހަކަމާއެކު ބައްޔަން ފަރުވާ ކުރެވޭނެ ނިޒާމެއް ގާއިމްވެގެންދާނެ ކަމަށް ޔާމިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންހެނުންނަށް ވިހެއުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި ފެންވަރު ރަނގަޅު ތަމްރީނާއެކީ ފޫޅުމައިންގެ މަސައްކަތް އަލުން ތައާރަފް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ދަންނަމު ފޫޅުމައިގެން ހިދުމަތް، އެކަމަކު ތިން އަހަރު ނަޝީދުގެ ވެރިކަމުގައި އެވަނީ ފޫޅުމައިގެން މަސައްކަތް އެ ވަނީ އުވާލާފައި. މިއީ ފެންވަރު ރަނގަޅު ތަމްރީނާއެކީ ފޫޅުމައިންނަކީ އަލުން އަލުން ތައާރަފްކޮށް، އެ ބޭފުޅުން މަސްކަތް ބަލައިގަނެން އެ ބޭފުޅުންގެ ހިދުމަތް މިދެންނެވި މަންމައިންނަށް މިދެންނެވި ބޭފުޅުންނަށް ލިބޭނެ ހިދުމަތް އަޅުގަނޑުމެން ހަދައިދޭނަން،" ޔާމިން ވިދާޅުވި އެވެ.

ރާއްޖޭގައި ފެތުރޭ ބަލިތަކުގެ ފަރުވާ ހޯދަން ފެށުމުގެ ކުރިން ބަލި ތަހުލީލު ކުރުމުގެ ނިޒާމެއް ރާއްޖޭގައި ތައާރަފް ކުރައްވާނެ ކަމަށް ވެސް ޔާމިން ވައުދުވެވަޑައިގެންނެވި އެވެ. ޕީޕީއެމްގެ ސަރުކާރެއްގައި އެންމެ ޒަމާނީ ފެންވަރުގެ "ޑައިގްނޯސިސް ސެންޓަރެއް" ޕީޕީއެމްގެ ވެރިކަމެއްގައި ގާއިމް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިގްތިސާދު ވަރުގަދަ ކުރުމަކީ ހަކައެކަނި ދިވެހި ވިޔަފާރިވެރިނަށް އެކަނި ކުރެވެން އޮތް ކަމެއް ނޫން ކަމަށާއި އެކަން ކުރުމަށް ރާއްޖެއަށް ބޮޑެތި އިންވެސްޓަރުން ގެނެސްގެން ވިޔަފާރިތައް ފެށުމަށް ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނަށް ޒާމާނީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ޔާމިން ވިދާޅުވި އެވެ.

ބޭރު ބޮޑެތި އިންވެސްޓުމަންޓުތައް ރާއްޖެއަށް ގެންނަވާނެ ކަމަށް ވައުދުވެވަޑައިގެން ޔާމިން ވިދާޅުވީ އިންވެސްޓަރުންނަށް ފަސޭހަ ކަމާއި އިތުބާރާއި ޔަގީންކަމާއެކު ރާއްޖޭގައި ވިޔަފާރި ކުރުމަށްޓައި ފޮރިން އިންވެސްޓާ ބެހޭ ގާނޫނަށް ޕީޕީއެމްގެ ވެރިކަމެއްގައި އިސްލާހު ގެންނަވާނެ ކަމަށެވެ.

ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރާ ކޮންމެ ގައުމެއްގައި ޓެކްސް ދައްކަން ޖެހޭތީ އެކަމާ ކަންބޮޑުވެވަޑައިގެން ޔާމިން ވިދާޅުވީ "ޓަބަލް ޓެކްސޭޝަން" ނެގުން ހަނިކުރުމަށްޓަކާ ޕީޕީއެމްގެ ސަރުކާރެއްގައި މަސައްކަތް ކުރާނެ ކަމަށާއި އެކަން ހުއްޓުވުމަށްޓަކާ ތަރައްގީވަމުން އަންނަ ގައުމުތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"ރާއްޖެއަށް ވިޔަފާރި ކުރަން އަންނަ ބޭރު އިންވެސްޓަރުންނަށް އަޅުގަނޑުމެންގެ ސަރުކާރެއްގެ ފުރަތަމަ މަސްތަކުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ މި ދެންނެވި ގޮތައް ދެ ގައުމުގެ ޓެކްސް ދައްކާ ދެއްކުން ބޭރު ފަރާތްތަކާ ބޭރު ގައުމުތަކާއި ސަރުކާރުތަކާ ވާހަކަ ދައްކައިގެން ކޮންމެ ވެސް އެއް ދިމާލެއްގައި ޓެކްސް ދައްކައިގެން މިކަން ފުއްދޭތޯ ބަލަން،" ޔާމިން ވިދާޅުވި އެވެ.

ދިއްދޫގައި މިއަދު ހަވީރު ޕީޕިއެމުން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް މައުމޫން ވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި ޔާމިންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވެސް ވާހަކަފުޅު ދެއްކެވި އެވެ.