ކެނެޑާގެ މިލޯސް ރައޮނިޗް ބަލިކޮށް ރޮޖާސްކަޕްގެ ޗެމްޕިއަންކަން ތިން ވަނަ ފަހަރަށް ސްޕެއިންގެ ރަފައެލް ނަޑާލް ހޯދައިފި އެވެ.

ރޭގެ ފައިނަލް މެޗުގެ ދެ ސެޓުވެސް ނަޑާލް ކާމިޔާބު ކޮށްފައި ވަނީ 6-2، 6-2 ގެ ނަތީޖާއިން ނެވެ.

ފައިނަލް މެޗަށްފަހު އުމުރުން 27 އަހަރުގެ ނަޑާލް ބުނީ، މިލިބުނު ތައްޓަކީ އޭނާއަށް ވަރަށް މުހިންމު ތައްޓެއް ކަމަށާއި އެ ކާމިޔާބީގެ ފަހަތުގައި އޭނާއާއެކު ތިއްބެވި އެންމެ ހާ އޭނަގެ ސަޕޯޓަރުންނަށް ސުކުރު އަދާ ކުރާކަމަށެވެ.

"އަހަރެން މިހިރީ ވަރަށް އުފަލުން. މި ލިބުނީ އަހަންނަށް ވަރަށް މުހިންމު ތައްޓެއް. މިކާމިޔާބީގެ ފަހަތަުގައި ވަރަށް ގިނަ ބަޔަކު އެބަތިބި. އަހަރެން އެމީހުންނަށް ހިތުގެ އެންމެ ފުންމިނުން ސުކުރު އަދާކުރަން. "ރަފައެލް ނަޑާލް ބުންނެވެ.

މިމުބާރާތުގެ އިތުރުން ނަޑާލް ވަނީ ހުސްވި މޭމަހުގެ ތެރޭގައި މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަންވެސް ނަޑާލް ވަނީ ތިންފަހަރު ހޯދާފަ އެވެ.