12 Aug 2013, 16:46
ރާއްޖޭގައި އޮތީ "އަނިޔާވެރި" ވެރިކަމެއް ކަމަށް ވިދާޅުވެ ރާއްޖޭގައި ޑިމޮކްރަޓިކް ސަރުކާރެއް ގާއިމު ނުވަނީސް ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ފުރާވަޑައިގަތް، ނަޝީދު ސަރުކާރުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސެން ޒަކީ މިއަދު މާލެ ވަޑައިގެންފި އެވެ.
ހޮނޑައިދޫ ރަލުގެ ތުހުމަތުގައި ފުލުހުން ހިންގި ރޭޑަކަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް ޒަކީ ވަނީ ފުރާވަޑައިގެންފަ އެވެ. އޭރު ފުރާވަޑައިގަންނަވަމުން ޒަކީ ވިދާޅުވީ ރާއްޖޭގައި އޮތީ "އަނިޔާވެރި" ވެރިކަމެއް ކަމަށާއި ރާއްޖޭގައި ޑިމޮކްރަޓިކް ސަރުކާރެއް ގާއިމު ނުވަނީސް ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށެވެ.
މިއަދު ރާއްޖެ ވަޑައިގައިގަތީ ރާއްޖޭގައި ޑިމޮކްރެޓިކް ސަރުކާރެއް ގާއިމު ކުރެވެމުންތޯ ދެންނެވުމުން ޒަކީ ވިދާޅުވީ ރާއްޖެ ވަޑައިގަތީ "ރާއްޖޭގައި ޑިމޮކްރެޓިކް އިންތިހާބެއް ބާއްވައި ޑިމޮކްތެޓިކް ވެރިކަމެއް ގެނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން" ލިބިވަޑައިގަތުމުން ކަމަށެވެ.
"އަޅުގަނޑު ވަރަށް އުފަލާ އެކު މިދަންނަވަނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ދިވެހި ރާއްޖޭގައި ޑިމޮކްރެޓިކް އިންތިހާބެއް ބާއްވައި ޑިމޮކްރެޓިކް ވެރިކަމެއް ގެނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް ލިބުނީމަ މިއައީ،" ޒަކީ ވިދާޅުވި އެވެ.
ޒަކީ ވިދާޅުވީ އަދި ވެސް ރާއްޖޭގައި ޑިމޮކްރަސީ ގާއިމް ކުރެވިފައި ނެތް ކަމަށާއި އެހެން ނަމަވެސް މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފި ނަމަ ރާއްޖޭގައި ޑިމޮކުރެސީ ގާއިމް ކުރެވިގެންދާނެ ކަމަށެވެ.
ހޮނޑައިދޫގައި ރާ ހިތްޕަވަން ތިއްބެވި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 16 ވަނަ ދުވަހު އެ ރަށަށް ފުލުހުން އަރައި ވަނީ ޒަކީ އާއި ބައެއް ބޭފުޅުން ހައްޔަރުކޮށްފަ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހްގީގު ކުރުމަށް ފަހު ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.