12 Aug 2013, 17:04
ތައިލޭންޑުގެ އަންހެނުންތަކެއް ގެނެސްގެން ފައިސާ އަށް ހަށިވިއްކުވި މީހަކު ހަތަރު އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ހ. ފެލަޑެލްފިޔާ އަބްދުއްލަތީފް އަލީގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަކީ ފައިސާ ހޯދުމުގެ ބޭނުމުގައި އަންހެނުންނާއި ފިރިހެނުން ބަދުއަޚުލާގީ އަމަލު ހިންގުމަށް ޖާމިނުކުރުވުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުންް މިއަދު އޭނާގެ މައްޗަށް ކުރި ހުކުމްގައި ބުނެފައި ވަނީ ހ. ފެލަޑެލްފިޔާގޭގައި ހިންގާ ސޮންޑޮބޮން ބިއުޓީކެއާ ސެލޫންގައި ކުރާ މަސައްކަތަކީ ބަދުއަޚުލާގީ އަމަލު ހިންގުމާއި މަސާޖު ކުރުން ކަމަށް އެތަަނުގައި މަސައްކަތްކުރާ ތައިލޭންޑުގެ އަންހެނުން ޝަރީއަތުގައި ހެކިބަސްދެމުން ބުނެފައިވާ ކަމަށެވެ.
ބަދުއަޚުލާގީ އަމަލު ހިންގައިގެންް ފައިސާ ހޯދުމަށް އަބްދުއްލަތީފް ބުނެފައިވާ ކަމަށާއި އަދި އެކަން ނުކޮށްފި ނަމަ ވަޒީފާ އިން ވަަކިކޮށް ގައުމަށް ފޮނުވާލާނެ ކަމުގެ އިންޒާރު އޭނާ ދީފައިވާ ކަމަށް އެތަނުގައި މަސައްކަތް ކުރި ތައިލޭންޑުގެ އަންހެނުންް ޝަރީއަތުގައި ހެކިބަސް ދީފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އަސްޕަރަގަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައި ތައިލޭންޑުގެ އަންހެނުން ރާއްޖެ ގެނެސްފައި ވަނީ މަސާޖު ކުރުމަށް ބުނެ ކަމަށާއި ނަމަވެސް ރާއްޖެ އައުމުން މަސާޖު ކުރުމުގެ އިތުރުން ބަދުއަޚުލާގީ އަމަލު ހިންގުމަކީ މަޖުބޫރު ކަމެއް ކަމަށް އަބްދުތީފު ބުނެފައިވާ ކަމަށް ތައިލޭންޑުގެ އަންހެނުން ޝަރީއަތުގައި ހެކިބަސް ދީފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ބަދުއަޚުލާގީ އަމަލު ނުހިންގާ ނަމަ އަބްދުއްލަތީފް އެކަމާ ޝަކުވާ ކުރާ ކަމަށާއި މަސާޖު ކުރުމާއި ބަދުއަޚުލާގީ އަމަލު ހިންްގައިގެން ލިބޭ ފައިސާގެ ތެރެއިން ކޮންމެވެސް ވަރެއް އޭނާ އަށް ދިނުމަށް އަބްދުއްލަތީފް އަންގަފައިވާ ކަމަށާއި އެގޮތުން ކޮންމެ މަހަކު 300 ޑޮލަރު އޭނާ އަށް ދެމުން އަންނަ ކަމަށް ތައިލޭންޑުގެ އަންހެނުން ޝަރީއަތުގައި ހެކިބަސް ދީފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެތަނަށް ދިޔައިރު އެތަނުގެ ކޮޓަރީގައި ހުރީ ތަޅުލާފައި ކަމަށާއި ދެން ފުލުހުން އެތަށް ވަތް އިރު ތައިލޭންޑުގެ އަންހެނަކާއި ދިވެހި ފިރިހެނަކު އޮރިޔާމުން ހުއްޓާ ފެނިފައިވާ ކަމަށް އެތަނަށް ދިޔަ ފުލުހުން ޝަރީއަތުގައި ހެކިބަސްދީފައިވާ ކަމަށެވެ.
ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ އާލާތްތަކާ ދޭތެރެ ދުރުކުރުމަށް ބޭނުންްކުރާ ބޭސް ވެސް އެތަަނުން ފެނިފައިވާ ކަމަށް އެތަނަށް ދިޔަ ފުލުހުންް ޝަރީއަތުގައި ހެކިބަސްދީފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްްގައި ވަނީ ބުނެފަ އެވެ.
މިއީ މިހާތަނަށް ކޯޓަށް ހުށަހެޅި މިފަދަ ފުރަތަމަ މައްސަލަ އެވެ.