12 Aug 2013, 16:23
އިލެކްޝަންސް ކޮމިޝަންގެ ލޯގޯ ބޭނުންކޮށްގެން ވޯޓް ކަރުދާހުގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ސޯޝަލް މީޑިއާގައި ބޭނުން ކުރަމުންދާ ކަމަށާއި އެ ކަމަކީ ގާނޫނީ ކުށަކަށްވުމުން އެފަދަ އެއްޗެއް ހަދައި ކެމްޕޭނުގައި ބޭނުން ނުކުރުމަށް އެދިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެ ކޮމިޝަން ފިޔަވައި އެހެން އެއްވެސް ފަރާތަކުން ވޯޓު ކަރުދާސް ނުވަތަ ވޯޓު ކަރުދާހުގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެއް އުފައްދައި އިޝްތިހާރު ނުކުރެވޭނެ ކަމަށެވެ. އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 74 ވަނަ މާއްދާއާ ހަވާލާދީ އިލެކްޝަނުން ބުނީ އެފަދަ ކަމެއް ކުރުމަކީ ކުށެއް ކަމަށެވެ.
އެ ކޮމިޝަންގެ ލޯގޯ ބޭނުންކޮށްގެން ވޯޓު ކަރުދާހުގެ ނަކަލްގެ ގޮތުގައި ބެލެވިދާނެ ފަދަ އެއްވެސް އެއްޗެއް ހަދައި ބޭނުން ނުކުރުމަށް ހުރިހާ ފަރާތަކަށް އެ ކޮމިޝަނުން މިއަދު ކުރި އިއުލާންގެއްގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ގައުމީ ދިދަ އާއި ދައުލަތުގެ ނިޝާން ބޭނުންކޮށްގެން ކެމްޕޭން ކުރަމުންދާ ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށާއި ގައުމީ ދިދަ އާއި ދައުލަތުގެ ނިޝާނުގެ ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.