12 Aug 2013, 15:55
ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މއ. މަޒާގޭ އިބްރާހީމް ރިޔާޒުގެ މައްޗަށް ދައުލަތުން ކުރި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާ އަށް އޭނާ އިންކާރު ކުރައްވައިފި އެެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވުމުން ދައުވާ އަށް އިންކާރު ކުރެއްވުމަށްފަހު ގާނޫނީ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަކަށް އޭނާ އެދިލެއްވި ކަމަށާއި ކޯޓުން އެ ފުރުސަތު އޭނާ އަށް މިހާރު ދީފައިވާ ކަމަށެވެ.
ރިޔާޒުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ ތިލަފުށީ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުންގެ ގޮތުގަ އާއި އިވެލުއޭޝަން ކޮމެޓީގެ މެންބަރުންގެ ގޮތުގައި ހުންނަވައިގެން ކޮމެޓީ އަށް ލިބިގެންނުވާ ބާރުތަކެއް ބޭނުން ކުރައްވައި ތިލަފުށި ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނެތި، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ހެވީލޯޑް މޯލްޑިވްސް އަށް ނާޖާއިޒު ފައިދާ ހޯއްދަވައި ދެއްވުމުގެ މަގުސަދުގައި ތިލަފުށީ ބިން ހިއްކުމުގެ މަޝްރޫއު ހެވީލޯޑަށް އެވޯޑުކޮށްފައިވާ ކަމަށެވެ. އަދި މޮބިލައިޒޭޝަން ޕޭމަންޓްގެ ގޮތުގައި ތިލަފުށީ ކޯޕަރޭޝަނުން 38.6 މިލިއަން ރުފިޔާ ހެވީލޯޑަށް ދޫކޮށްފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވެއެވެ.
އޭނާގެ އިތުރުން ތިލަފުށީ ކޯޕަރޭޝަންގެ ކުރީގެ ބޯޑު މެމްބަރުން ކަމަށްވާ ގ. ރަންގިރިޓީގޭ މުހައްމަދު ވާފިރާއި މއ. ރާހާ އަހުމަދު އަދުލީ ރަޝީދުގެ މައްޗަށް ވެސް އެ މައްސަލައިގައި ވަނީ ދައުވާ އުފުލާފަ އެވެ.
އެ އެންމެން ވެސް ވަނީ ދައުވާ އަށް އިންކާރުކުރައްވާފަ އެވެ.
ތިލަފުށީ ބިންހިއްކުމުގެ މަސައްކަތް ހެވީލޯޑާ ހަވާލުކޮށްފައި ވަނީ 21 މިލިއަން ޑޮލަރު (323 މިލިން ރުފިޔާ) އަށެވެ. ނަމަވެސް ފަހުން ވަނީ މަސައްކަތް މެދު ކަނޑާލުމަށް ފަހު، އެ ތަނުގައި ބޭނުން ކުރި ކޮންނަ ބޯޓު އެހެން ސަރަހައްދަކަށް ގެންގޮސްފަ އެވެ.