މެންޗެސްޓާ ޔުނައިޓެޑްގެ އިންގްލެންޑް ފޯވަޑް ވޭން ރޫނީ ވިއްކާލަން އެކުލަބުން ބޭނުން ނުވާކަމަށް އަނެއްކާވެސް ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޮއެސް ބުނެފި އެވެ.

ޔުނައިޓެޑްގެ އާކޯޗު އެވަޓަންގެ ކޯޗުކަމުގައި ހުރި އިރު، މީގެ 10 އަހަރު ކުރިން ޔުނައިޓެޑަށް ވިއްކައިލި ރޫނީ ހޯދުމަށް ވާދަވެރި ޗެލްސީއިން ދެފަހަރެއްގެ މަތިން ބިޑް ކުރުމުންވެސް ޔުނައިޓެޑުން ވަނީ ނޫނެކޭ ބުނެފަ އެވެ.

އިއްޔެ ވިގަން އަތުން 2-0 އިން ޔުނައިޓެޑް މޮޅުވެ އެފްއޭ ކޮމިއުނިޓީ ޝީލްޑް އުފުލާލި ޓީމުގައި އަނިޔާގެ ސަބަބުން ރޫނީ ހިމަނާފައެއް ނުވެއެވެ. އަދި ރޫނީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ރިޒާވް ޓީމާ އެކުގަ އެވެ.

ވެމްބްލީގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮއެސް ބުނީ، އޭނާއާ ރޫނީއާ ދޭތެރޭގައި އެއްވެސް މައްސަލައެއް ޖެހިފައި ނުވާކަމަށާއި އަދި ކުލަބުން އޭނާ ދޫކޮށްލަން އެއްގޮތަކަށްވެސް ބޭނުން ނުވާ ކަމަށެވެ.

"އަހަރެންނާ ރޫނީއާ އެއްވެސް މައްސަލައެއް ޖެހިފައެއް ނެތް. ރޫނީ، ރިޒާވްޓީމާއެކު ޕްރެކްޓިސް ކުރީ އޭނާ ބޭނުންވެގެން. ރޫނީ ބޭނުމެއްނުވޭ އެހާ ވަރުގަދަކޮށް ޕްރެކްޓިސް ކުރާކަށް،" މޮއެސް ބުންޏެވެ.

މިފަހަކަށް އައިސް ޔުނައިޓެޑް ކުޅުނު އެއްވެސް މެޗެއްގައި ރޫނީ ކުޅެފައި ނުވިނަމަވެސް، މާދަމާރޭ އިންގްލެންޑާއި ސްކޮޓްލެންޑް ކުޅުމަށް ހަމަޖެހިފައިވާ ރަހްމަތްތެރި ކަމުގެ މެޗުގައި ރޫނީއަށް ވަނީ ފުރުސަތު ދީފަ އެވެ.