12 Aug 2013, 15:22
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީ ކައުންސިލް އިން ކުރާ "ތަރައްގީގެ މަސައްކަތްތަކަށް" ހުރަސް އަޅާކަމަށް ބުނެ އެ ބޭފުޅާގެ މައްސަލަ ލޯކަލް ގަވާމެންޓް އޮތޯރިޓީ(އެލްޖީއޭ) އަށް ސިޓީ ކައުންސިލް އިން ހުށައަޅައިފި އެވެ.
ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ހައުސިން މިނިސްޓަރު މުއިޒް އެކައުންސިލުން ކުރާ ތަރައްގީގެ މަސައްކަތްތައް ހުއްޓުވާ މައްސަލަ އެޖެންޑާކޮށްދިނުމަށް އެދި އެލްޖީއޭގައި މިއަދު އެދިފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ލާމަރުކަޒީ ގާނޫނަށް ހުރަސްއެޅޭ ގޮތަށް އަދި ކުރަމުންދާ ޑިވެލޮހައުޕްމެންޓްތައް މީހުންނަށް އޮޅޭގޮތަށް ވާހަކަފުޅު ދައްކަވަމުންދާ މައްސަލަ އެޖެންޑާ ކޮށްދީ އަދި އެ މައްސަލަ ބަލައި ހައްލުކޮށްދިނުމަށް އަޅުގަނޑުމެން ހުށައަޅައިފިން،" ޝުޖާއު ވިދާޅުވި އެވެ.
އެ މައްސަލާގައި ހައުސިން މިނިސްޓަރުގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އަދި ވަނީ އެބޭފުޅާގެ ބަހެއް ލިބޭގޮތް ނުވެފަ އެވެ.
އެލްޖީއޭގެ ނައިބް ރައީސް ޝުޖާއު ހުސެއިން ވިދާޅުވީ އެމައްސަލަ މިއަދު ހުށައަޅާފައިވާ އިރު އެންމެ އަވަހަށް އޮންނަ ބައްދަލުވުމެއްގައި އެ މައްސަލަ އެޖެންޑާކޮށް ބަލަން ފަށާނެ ކަމަށެވެ.
ހައުސިން މިނިސްޓަރުގެ މައްސަލަ ސިޓި ކައުންސިލުން އެލްޖީއޭ އަށް ހުށައަޅާފައިވާ އިރު މާލޭ ހުޅަނގު ހާބަރު ކެފޭތައް ހުންނަ ސަރަހައްދާ އެކު އެ ސަރަހައްދު ތަރައްގީކޮށް ހިންގުމަށް މަހަކު 400،000 ރުފިޔާ އަށް، 25 އަހަރު ދުވަހަށް ވެސްޓް ގޭޓް އެސެޓްސް ޕުރައިވެޓް ލިމިޓެޑަށް ދީފައިވާ އިރު ހައުސިން މިނިސްޓަރު މިއަދު ވިދާޅުވީ އެ ހުއްދަ ދީފައި ވަނީ ހައުސިން މިނިސްޓްރީގެ ހުއްދަ ނެތި ކަމަށެވެ.