ގިނަ ސަބަބުތަކާ ހެދި، ގިނަ އަދަދެއްގެ ޒުވާނުން ހިޖުރަކުމުންދާ ކަމަށާއި ހިޖުރަކުރުމުގެ އެކި މަރުހަލާ ތަކުގައި އެ މީހުންގެ އިންސާނީ ހައްގުތައް ނަގާލެވޭ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބާގައި ބާންކީމޫން ފޮނުއްވި މެސެޖްގައި ވިދާޅުވެފައި ވަނީ ހިޖުރަކުރާ ޒުވާނުންނަށް ބޭ އިންސާފާއި ނަސްލީ އިމްތިޔާޒާއި ކުރިމަތިވާ ކަމަށާއި އެމީހުންގެ އިންސާނީ ހައްގުތައް ނަގައި ލެވޭ ކަމަށެވެ.

"...ހިޖުރަކުރާ ހުރިހާ ޒުވާނުންނަށް ވެސް ބޮޑެތި ދަތިތަކާ ކުރިމަތިވޭ، އެފަދަ ކަންތައްތަކުގެ ތެރޭގައި ނަސްލީ އިމްތިޔާޒާއި އެހެން ގައުމެއްގެ މީހަކަށް ވީތީ އޮންނަ ރުޅިވެރި ކަމާއި ތަފާތު ކުރުމާއި އިންސާނީ ހައްގުތައް ނަގާލުން ހިމެނޭ،" ބާން ވިދާޅުވެފައިވެ އެވެ.

މަޖުބޫރުން ޖިންސީ ވިޔަފާރީގެ ތެރެއަށް ވެއްދުމަކީ ވެސް ހިޖުރަކުރާ ޒުވާނުންނަށް، ހާއްސަކޮށް އަންހެނުންނަށް ކުރިމަތިވާ ކަމެއް ކަމަށް ބާން ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވެފައި ވަނީ ފަގީރު ކަމާއި ތޮއްޖެހިފައިވާ ނުތާހިރު މާހައުލުތަކުގައި އުޅެން ޖެހުމާއި ރަނގަޅު ވަޒީފާ ނުލިބުމަކީ ހިޖުރަކުރާ ޒުވާނުން ކުރާ ތަޖުރިބާގެ އާއްމު ސިފަތައް ކަމަށެވެ.

ޒުވާނުން ހިޖުރަކުރާ ބޭނުމެއް ކަމަށް ބާން ފާހަގަކުރައްވާފައި ވަނީ ބޭއިންސާފާއި އިގުތިސާދީ ދަތިކަން ފަދަ ކަންތައްތަކުން ސަލާމަތްވުމެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރަނީ ހިޖުރަކުރާ ޒުވާނުންނަށް އަމާޒުކޮށްގެންނެވެ. އަހަރަކު 214 މިލިޔަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިޖުރަކުރާއިރު އޭގެ ތެރެއިން 10 ޕަސެންޓް މީހުންނަކީ ޒުވާނުންކަން ބާންގެ މެސެޖްގައި ފާހަގަކުރައްވާފައިވެ އެވެ.

ހިޖުރަކުރާ ޒުވާނުންގެ ހައްގުތައް ޕްރޮމޯޓްކޮށް، އެމީހުންގެ ފަރާތުން ތަރައްގީއަށް ކުރާ ފައިދާ އެންމެ ބޮޑަށް ހޯދުމަށް ބާން ވަނީ ގައުމުތަކަށާއި ޒުވާނުންގެ ޖަމާއަތްތަކަށް ގޮވާލައްވާފަ އެވެ.

ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އޮގަސްޓްމަހުގެ 12 ވަނަ ދުވަހެވެ. އދ. އިން ފާސްކުރި ގަރާރެއްގެ ދަށުން ޒުވާނުންގެ ދުވަސް ފާހަގަކުރަން ފެށީ 1999 ވަނަ އަހަރު އެވެ.