އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގައި މިއަދު ހެނދުނު ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ކާމިނީ ސްޕޯޓްސް ކުއާޓާ ފައިނަލާ ގާތަށް ޖެހިލިއިރު ހެނދުނުގެ ދެވަނަ މެޗު ކާމިޔާބުކޮށް، މައްޗަންގޯޅީ އަރާތަރި މުބާރާތުގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެއްޖެ އެވެ.

ހެންވޭރު ދަނޑުގައި ހެނދުނު ކުޅުނު ފުރަތަމަ މެޗުން ކާމިނީ ސްޕޯޓްސް ކާމިޔާބުކުރީ 25 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. އެމެޗުގައި ކާމިނީ ސްޕޯޓްސްއިން 32 ލަނޑު ހަ ފޯލި ހެދިއިރު ހެންވޭރު ނޫމާއަށް ހެދުނީ ހަތް ލަނޑު 11 ފޯއްޔެވެ.

ދެވަނަ މެޗުގައި ގްރޫޕް ސީގެ ހަވަރު ސްޕޯޓްސް އަތުން މައްޗަންގޯޅީ އަރާތަރި މޮޅުވީ 3 ލަނޑުގެ ތަފާތުންނެވެ. އެ މެޗުގައި އަރާތަރި 28 ލަނޑު އަށް ފޯލި ހެދިއިރު ހަވަރު ސްޕޯޓްސްއަށް ހެދިފައިވަނީ 25 ލަނޑެވެ.

މިއަދުގެ މެޗާއެކު މިހާތަނަށް ކުޅުނު ތިންމެޗު ވެސް ކާމިޔާބުކޮށްގެން ނުވަ ޕޮއިންޓާއެކު ކާމިނީ ސްޕޯޓްސް ގްރޫޕް ބީގެ އެއްވަނައިގައި އޮތް އިރު މިއަދު ލިބުނު މޮޅާއެކު، މައްޗަންގޯޅި އަރާތަރި އޮތީ ގްރޫޕް ސީގެ ތިންވަނައިގަ އެވެ.

ފިތުރު އީދާގުޅުވައިގެން އެސްޓީއޯއިން ކުރިއަށް ގެންދާ ބަށިމުބާރާތުގައި މިއަދު ހަވީރު ދެމެޗު އަދި ރޭގަނޑުވެސް ދެމެޗު ކުޅޭނެ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ، އަންނަ ހޮނިހިރު ދުވަހު ހަވީރު 4:00ގަ އެވެ.