12 Aug 2013, 14:19
ކުންފުންޏެއްގެ ތައްގަނޑާއި ސޮއި ފޯޖުކޮށްގެން ފިނޭންސް މިނިސްޓްރީން ގިނަ އަނދަދެއްގެ ފައިސާ ނެގި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
ފުލުހުން ބުނީ ފިނޭންސް މިނިސްޓްރީ އިން މަކަރާ ހީލަތުން 40،000ރ. ނެގި މައްސަލައިގެ ތުހުމަތުގައި ދަޢުވާކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ ހދ. ނޮޅިވަރަން، ގުލްދަސްތާގެ، ހުސައިން ވަހީދު 25، އަދި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ރިފްޢަތު ޙުސައިން، 29،ގެ މައްޗަށެވެ.
އެ ދެމީހުންގެ މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައި ވަނީ އިންޓަޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ރާއްޖެ އަށް ބިދޭސީން ގެނައުމަށް ޑިޕޮސިޓްގެ ގޮތުގައި ބަހައްޓާފައި ހުރި 40،000ރ. އިންޓަޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ވަގު ލިޔުންތަކެއް ތައްޔާރުކޮށް އެކުންފުނީގެ ތައްގަނޑު ފޯޖުކޮށް އަދި އެ ކުންފުނީގެ އިސްވެރިއެއްގެ ސޮއި ފޯޖުކުރުމަށް ފަހު ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައިގެން ޑިޕޮސިޓް ފައިސާ ފިނޭންސް މިނިސްޓްރީ އިން މަކަރާއި ހީލަތުން ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވާފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.