12 Aug 2013, 14:03
ރައީސުލްޖުމްހޫރީއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކުތަފާތު "ކައްޓާ" ގެންގުޅުއްވަފާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް މައުމޫންގެ ސަރުކާރުގައި ގިނަ ވުޒާރާތަކެއްގެ ވަޒީރުކަން ކުރައްވާފައިވާ އަދި ކުރީގެ ރައީސް މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބެ އިލްޔާސް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިލްޔާސް ވިދާޅުވީ ރައީސުއުލްޖުމްހޫރީއްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ރައްޔިތުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅުއްވައި ތަފާތު "ކައްޓާތައް" ބޭނުންކޮށްގެން ކިރާ އުސޫލެއް ގެންގުޅުވަފާނެ ކަމަށް އުންމީދު ވެސް ނުކުރައްވާ ކަމަށެވެ.
"ރައީސް ނަޝީދު ވިދާޅުވީ ބަސްފުޅަށް އަޅުގަނޑު ދަންނަވަން އޮތީ ރައީސުލްޖުމްހޫރީއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ތަފާތު ކައްޓާތައް ގެންގުޅުއްވަފާނެ ކަމަށް އަޅުގަނޑު އުންމީދެއް ނުކުރަމޭ. ރައީސް އަކު ރައްޔިތުންގެ މެދުގައި ތަފާތުތަކެއް ގެންގުޅުއްވަފާނެ ކަމަކަށް ވެސް އަޅުގަނޑު އުންމީދެއް ނުކުރަން އެމަނިކުފާނު އެފަދަ ބަސްފުޅެއް ވިދާޅުވެދާނެ ކަމަކަށް އަޅުގަނޑު އުންމީދެއް ނުކުރަން،" އިލިޔާސް ވިދާޅު އެވެ.
ރައީސް ނަޝީދުގެ ސަރުކާރުން ދައުލަތުގެ އެންމެ މަތީ އިއްޒަތް ދެއްވާފައިވާ އިލްޔާސް އިބްރާހީމް ވިދާޅުވީ ދައުލަތުން އިއްޒަތް ދެއްވުމުން އެމަނިކުފާނު ސިޔާސީ ކަންކަމާ ދުރުގައި ހުންނަވާފާނެ ކަމަށް ރައީސް ނަޝީދު ދެކެވަޑައި ގަތުމަކީ އެއީ ރައީސް ނަޝީދުގެ ވިސްނުންފުޅު ކަމަށެވެ.
އިލްޔާސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވަކި ބޭފުޅަކަށް ތާއީދު ކުރެއްވުން އެއީ މައްސަލައެއް ނޫން ކަމަށާއި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ވޯޓް ލުމުގެ ހައްގާއި ތިމާ އެދޭ މީހަކަށް ތާއިދު ކުރުމުގެ ހައްގު އެމަނިކުފާނަށް ވެސް ލިބިގެންވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަށް ވަކި މީހަކަށް ތާއިދު ކުރުން ފިޔަވައި އެހެން އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.
ގއ. ދާންދޫގައި ކުރީ ރޭ ވާހަކަފުޅު ދައްކަވަމުން އިލްޔާސް އިބްރާހީމަށް އިންޒާރު ދެެއްވާ ފަދަ ގޮތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގައި އިލްޔާސް އިބްރާހީމަށް "ހައްގު ޝަރަފް އެރުވިން" ކަމަށެވެ. އަދި އެ ޝަރަފު އިލްޔާސަށް އެރުވީ ސިޔާސީ ކަންކަމުން ދުރުގައި ހުންނެވުމަށް ދޭހަވާ ގޮތަށް ވެސް ނަޝީދު ވާހަކަ ދެއްކެވި އެވެ.
"އަޅުގަނޑު މިރޭ އިލްޔާސް އަރިހު ދަންނަވާލަން ބޭނުން ވަނީ ދައުލަތުގެ އިއްޒަތްތެރިއެކޭ މަނިކުފާނަކީ ހަނދުމަފުޅު ބަހައްޓަވައްޗޭ އެއް ކައްޓާއަކުންކަން އެންމެން ވެސް ކިރަނީ ... ދައުލަތުގެ އިއްޒަތްތެރިން އެބަ ތިއްބަވާ، އެ އިއްޒަތްތެރިން ތިއްބަވަން ޖެހޭ ގޮތެއް ވެސް އެބަވޭ. އަޅުގަނޑު އުންމީދުކޮށް ހުރީ އެހެން ކިތައްމެ ބޭފުޅުންނެކޭ ހިލާފަށް އެމަނިކުފާނަށް އެ އިއްޒަތާއެކުގައި ސިޔާސީ ކަންކަމުން ދުރުހައި ހުންނަވަން އެނގިވަޑައިގެންނަވާނެ ކަމަށް. އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން ބޭނުން ވަނީ އެއް ކައްޓާއަކުންނޭ އަޅުގަނޑުމެން އެންމެ ވެސް ކިރާނީ."