"ޔުނިޓީ ތުރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން މާލޭ ގަލޮޅު ދެކުނުގައި ހެދި ދެ ވަނަ ފުޓްސަލް ދަނޑު މިނިސްޓްރީ އޮފް ހިއުމަން ރިސޯސަން ޔޫތު އެންޑް ސްޕޯޓްސްއާ ރަސްމީކޮށް ރޭ ހަވާލުކޮށްފި އެވެ.

"ސިނަމާލެ ފުލެޓް 2" ކައިރީގައި އޮންނަ ހުސް ބިމުގައި ހަދާފައިވާ ދަނޑު ރަސްމީކޮށް ޔޫތުމިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ އެ ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗް ނިމުމަށްފަހު ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. ޔޫތު މިނިސްޓްރީއާ އެތަން ހަވާލުކޮށްދެއްވީ މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ.

ޔޫތު މިނިސްޓްރީގެ ފަރާތުން އެދަނޑާ ހަވާލުވީ މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ މުހައްމަދު މާހިދު ޝަރީފް އެވެ.

ސިނަމާލެ ފްލެޓް ކައިރީގައި އޮންނަ ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު "ފުލެޓް ކަޕް ފުޓްސަލް މުބާރާތު"ގެ ޗެމްޕިއަންކަން ހޯދީ ސިފައިގެ ކުލަބެވެ. ސިފައިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވީއެންޑީޕީ އާއި ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން 7 - 8 އަކުން މޮޅުވެގެންނެވެ.

ސިނަމާލެ ފްލެޓްބަރި ކައިރީގައި އޮންނަ ފުޓްސަލް ދަނޑު ހަދާފައި ވަނީ ޑިފެންސް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި ސިފައިންނާއި ފުލުހުންނާއި އެސްޓީއޯ އަދި އެފްއޭއެމް ގުޅިގެންނެވެ. ދަނޑު ހެދުމުގެ އަމަލީ މަސައްކަތް ކޮށްފައި ވަނީ ސިފައިންނާއި ފުލުހުންނެވެ.

ރާއްޖޭގައި ހަދާ ތިން ވަނަ "ޔުނިޓީ ތުރޫ ފުޓްސަލް" ދެން ހެދުމަށް ހަމަޖެހިފައިވަނީ ވިލިމާލޭގަ އެވެ. އެންމެ ފުރަތަމަ "ޔުނިޓީ ތުރޫ ފުޓްސަލް" ދަނޑެއް ހަދާފައި ވަނީ ހުޅުމާލޭގައެވެ.