12 Aug 2013, 13:28
ބޭރުން ގެންނަ ޝިޕްމަންޓް އައުން ލަސްވެގެން އެސްޓީއޯ އިން ޑީސަލް ވިއްކުން ކޮންޓްރޯލްކޮށްފި އެވެ.
ރާއްޖެ އަށް އެންމެ ގިނަ އަދަދަށް އެތެރެކޮށް ވިއްކާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ އާއްމުކޮށް ތެޔޮ ގަންނަ ފަރާތްތަކަށް ބޭނުންވާ ވަރަށް ތެލުގެ ސްޓޮކް އެބަހުރި ކަމަށެވެ. ނަމަވެސް އެނޫން ފަރާތްތަކަށް ތެޔޮ ވިއްކުން ކޮންޓްރޯލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ހަމަ އާއްމުކޮށް ދިމާވާ ކަމެއް. ނަމަވެސް އާއްމުކޮށް ތެޔޮ ގަންނަ ސްޓެލްކޯ އާއި ހުރިހާ ރިސޯޓްތަކަށް ބޭނުންވާ ވަރަށް ތެލުގެ ސްޓޮކް އެބަހުރި. ހަމައެކަނި ތެޔޮ ވިއްކުން ކޮންޓްރޯލްކޮށްފައި ވަނީ އެ ނޫން ފަރާތްތަކަށް ތެޔޮ ވިއްކުން،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާއްމުކޮށް ތެޔޮ ގަންނަ ފަރާތްތައް ނޫން އެހެން ފަރާތްތަކަށް ތެޔޮ ވިއްކުން ކޮންޓްރޯލްކޮށްފައި ވަނީ ވަގުތީ ގޮތުން ކަމަށެވެ. އަދި ތެޔޮ ހިފައިގެން އަންނަ ބޯޓު ބުދަ ދުވަހު އަންނާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
އެސްޓީއޯގެ ތެޔޮ ސަޕްލައިކުރާ ފިއުލް ސަޕްލައިސްގެ މެނޭޖިން ޑިރެކްޓަރު އާދަމް ސަލީމް ވިދާޅުވީ އެސްޓީއޯ އިން ޑީސަލް ވިއްކުން ކޮންޓްރޯލްކުރުމުން ސަޕްލައިކުރުން ވެސް ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.
"އެސްޓީއޯ އިން ލިބޭ މިންވަރަކުން ރިސޯޓްތަކަށް ވެސް ބަހާލައިގެން މި ވިއްކަނީ. މިކަން މީގެ ކުރިން ވެސް ދިމާވެފައި އެބަހުރި. ނަމަވެސް މި ފަހަރު ތަންކޮޅެއް ދިގުލައިގެން ދިޔައީ،" އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ޑީސަލް ވިއްކުން ކޮންޓްރޯލްކުރި ނަމަވެސް ޕެޓްރޯލް އެއްވެސް ދަތިކަމެއް ނެތި ލިބޭ ކަމަށެވެ.
ތެޔޮ ސަޕްލައިކުރާ އެހެން ކުންފުންޏަކުން ބުނީ އެސްޓީއޯ އިން ތެޔޮ ވިއްކުން ކޮންޓްރޯލްކުރުމުން ރިސޯޓްތަކަށާއި މަސްވެރިންނަށް ތެޔޮ ވިއްކުން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.
"މަސްވެރިންނަށް މީގެ ސަބަބުން ދަތިތަކެއް އެބަ ދިމާވޭ. އަދި ރިސޯޓްތަކުން ވެސް ސްޓޮކް ހުސްވާތީ އެބަ ޝަކުވާކުރޭ. ނަމަވެސް އަޅުގަނޑުމެން އަންގާފައިވާނެ ސްޓޮކް ލިބޭ ވަރަކުންނޭ ފޮނުވޭނީ. މީގެ ކުރިން ވެސް މި މައްސަލަ ދިމާވެފައި އެބަހުރި. ނަމަވެސް މިހާ ދިގުލައިގެނެއް ނުދޭ. އެސްޓީއޯ އިން ބުނޭ ވަރަށް އަވަހަށް ލިބޭނެ ކަމަށް." އެ ކުންފުނިން ބުންޏެވެ.