އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި 50 މީހުން ހަމަނުވެގެން ވޯޓު ފޮށި ނުބެހެއްޓުނު ތަންތަނުގެ މީހުން އެހެން ތަންތަނުގައި ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާއްމުކުރި އިއުލާނެއްގައި ބުނެފައި ވަނީ ރަށްވެހި ވެފައިވާ ރަށްނޫން އެހެން ތަނެއްގައި ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަ އެކަނި ދެވޭނީ ކުރިން ރަޖިސްޓަރީކޮށްފައިވާ މީހުންނަށް އެކަނި ކަމަށެވެ. އެގޮތުން ކުރިން ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ ރިސޯޓްތަކާއި ސިނާއި މަސައްކަތްކުރާ ތަންތަނުގައި ރަޖިސްޓަރީ ކުރި މީހުން އަލުން ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ އިއުލާންގައި ބުނެފައިވެ އެވެ.

އެގޮތުން އިލެކްޝަން ކޮމިޝަނުން ވަނީ 16 ރިސޯޓަކާއި އެއް ސިނާއި މަސައްކަތްކުރާ ތަނެއްގައި ވޯޓު ފޮށި ނުބެހެއްޓޭނެ ތަންތަންކަމުގައި ކަނޑައާޅާފަ އެވެ. އެ އަދަދާ އެކު މިހާރު 58ގެ ރިސޯޓެއްގެ ތެރެއިން ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައި ވަނީ 42 ރިސޯޓެއްގަ އެވެ. އަދި ފަސް ސިނާއީ ތަނެއްގައި ކުރިން ބަހައްޓަން ހަމަޖެހިފައިވާ ވޯޓު ފޮށީގެ ތެރެއިން މިހާރު ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ހަތަރު ތަނެއްގަ އެވެ.

ވޯޓު ފޮށި ނުބަހައްޓަން ހަމަޖެހިފައިވާ ރިޒޯޓުތަކުގެ ތެރޭގައި ބީޗް ހައުސް އިރުވެލި އާއި ދޮނަކުޅި އާއި ޖޭ ރިސޯޓް އާއި ޒިޓާލީ ރިސޯޓްސް އާއި ކިހާޑް ރިސޯޓްސް އާއި ރީތި ބީޗް ރިސޯޓް އާއި ޕާމް ބީޗް ރިސޯޓް އާއި ކޮމަންޑޫ އައިލެންޑް ރިސޯޓްއާއި ސަމާ އައިލެންޑް އާއި ޑައިމަންޑް އަތުރުގަ ބީޗް އެންޑް ވޯޓާ ވިލާސް އާއި ކޮންސްޓޭންސް މޫފުށި ރިސޯޓް މޯލްޑިވްސް އާއި ޗާޔާ ލަގޫން ހަކުރާހުރާ އާއި މެދުފުށި އައިލެންޑް ރިސޯޓް އާއި ފިލިތެޔޮ އައިލެންޑް ރިސޯޓް އާއި ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އަދި ހެރަތެރަ އައިލެންޑް ރިސޯޓް ގައެވެ. އަދި ސިނާއީ ތަންތަނުގެ ތެރެއިން ވޯޓު ފޮށި ނުބެހެއްޓުމަށް ހަމަޖެހިފައިވަނީ ފެލިވަރުގަ އެކަނި އެވެ.

ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ތަންނޫން އެހެންތަނެއްގައި ވޯޓުލުމަށް 65000 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތުދެ އެވެ. އަދި 500 އަށް ވުރެ ގިނަ ފޯމް އިސްލާހު ކުރުމަށް އަލުން އަބުރާ ފޮނުވާލާފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެ އެވެ. އަދި ރަށްވެހިވެފައިވާ ރަށްނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންގެ ފައިނަލް ލިސްޓު މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އާއްމު ކުރާނެ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން މައުލޫމާތުދެ އެވެ.