އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމްގައި ހުންނެވި މުހައްމަދު ހާނިމް އެ މަގާމުން އިސްތިއުފާ ދޭން އުޅޭ ކަމަށް ބުނެ މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އޭނާ މިއަދު ދޮގުކުރައްވައިފި އެވެ.

ހާނިމް މިއަދު "ސަން"އަށް ވިދާޅުވީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދޭން އުޅޭ ކަމަށް ބުނެ މީޑިއާގައި ފެތުރޭ ވާހަކަތަކަކީ "އެއްވެސް ހަގީގަތެއް ނެތް" ދޮގު ވާހަކަ ތަކެއް ކަމަށެވެ.

"އަޅުގަނޑު އަދި އިސްތިއުފާއެއް ނުދެން. އިސްތިއުފާ ދޭކަށް ވެސް ނޫޅެން. އިސްތިއުފާ ދޭން އުޅޭ ކަމަށް ބުނެ އެ ފަތުރަމުން އަންނަ ވާހަކަ ތަކަކީ ދޮގު ވާހަކަތަކެއް. އަޅުގަނޑު އޮފީހަށް ވެސް ދަން،" ހާނިމް ވިދާޅުވި އެވެ.

އެފްއޭއެމްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ފާއިތުވި ދެތިން ހަތަރު ދުވަހު ހާނިމް އޮފީހުން ނުފެނުމުން އޮފީހުގެ ތެރޭގައި ތަފާތު ގޮތްގޮތައް ވާހަކަ ފެތުރި ފައިވާ ކަމަށެވެ.

"އަޅުގަނޑަށް ވެސް އަޑުއިވިފައި އޮތީ ހާނިމް އޮފީހަށް ނާންނަނީ އޮފީހުގެ އެހެން ވެރިންނާ ޚިޔާލުތަފާތުވުންތަކެއް އުޅޭތީ. އެ ވެދާނެ ތެދަކަށް ވެސް. އަޅުގަނަޑު ވެސް އަޑުއެހިން ހާނިމް އިސްތިއުފާ ދޭން އުޅޭ ވާހަކަ. އެހެންވެ އަޅުގަނޑު ވެސް ހާނިމް އަށް ގުޅިން. އެކަމަކު އޭނަގެ ހަބަރެއް ނުވެ،" އޮފިޝަލް ވިދާޅުވި އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުގެ ޕްރެކްޓިސް ފެށުމަށް ދާދިފަހުން ގަލޮޅުދަނޑުގައި ބޭއްވި ހަރަކާތުން ވެސް ހާނިމް ފެނިފައި ނުވާއިރު، ނިމިގެންދިޔަ ވެޓަރަންސް ކަޕުގެ ފައިނަލަށް މެޗުގައި ވެސް އޭނާ ފެނިފައެއް ނުވެ އެވެ.

ހާނިމް އިސްތިއުފާ ދޭން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވުމުން އަންނައިރު، ހުސްވި މަހުގެ 25 ވަނަ ދުވަހު އެފްއޭއެމް އިން ވަނީ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމް އުފައްދައި އެ މަގާމަށް މުހައްމަދު ނާސިރު (ނާބެ) ހަމަޖައްސައިފަ އެވެ.

އެފްއޭއެމްގެ ނައިބު ރައީސް އަބްދުލް މުހުސިން ހަމީދު (ޖޭފޯ) މީގެ ދެ ހަތްތާ ކުރިން "ސަން"އަށް ދެއްވި އިންޓަވިުގައި ވިދާޅުވީ، އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ނާބެ ހަމަޖެއްސީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމްއަށް ފަސޭހަ ކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަގައި ވެސް ވަރަށް ގިނަ ކަންތައްތަކެއް ކުރަންޖެހިފައި އޮތުމުން ކަމަށެވެ.