ވިޔަފާރިވެރިންގެ ޖަމިއްޔާ އިން އަނެއްކާ ވެސް ޗައިނާގައި އޮފީހެއް ގާއިމްކުރުމަށް ނިންމައި އެމަސައްކަތް ހަވާލުކޮށްފި އެވެ.

މިއަދު އެ ޖަމިއްޔާގައި ބޭއްވި ހަފްލާއެއްގައި ޗައިނާގެ ޗެންޑޫ އޮފީސް ހިންގުން މިއަދު ހަވާލުކޮށްފައި ވަނީ އެ ޖަމިއްޔާގެ މެމްބަރެއްކަމަށްވާ މުހައްމަދު ރިޒްވީ އަށެވެ.

އެހަފްލާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނާއިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ތިން މަހަށް ފަހު އަނެއްކާ ވެސް ހުޅުވި އެ އޮފީހަކީ ޗައިނާ އިން އިންވެސްޓްމަންޓްތައް ގެނައުމަށާއި ޗައިނާއަށް ދާ ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ގޮތުން ހުޅުވި އޮފީހެއް ކަމަށެވެ.

އެމަސައްކަތް ހަވާލުވެފައިވާ ރިޒްވީ ވިދާޅުވީ އެ އޮފީހުގެ ދަށުން ޗައިނާ އަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ވިސާ ހޯދައިދިނުމަށާއި ޖައިނާއިން މުދާ ގެންނަ ފަރާތްތަކަށް އެހީތެރިވެދޭނެ ކަމަށެވެ. އެގޮތުން ވިޔަފާރީގެ މުއާމަލާތްތަކުރަން ބޭނުންވާ ފަރާތަކީ ރަނގަޅު ވިޔަފާރިވެރިއެއްތޯ ބަލައިދިނުމާއި ދިމާވާ އެކިއެކި ދަތިތަކަށް ހައްލުހޯދައި ދިނުމަށް މަސައްކަތް ކޮށްދޭނެކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވަރަށް އަވަހަށް ޗައިނާ އަށް ޗާޓާ ފުލައިޓްތައް ހަމަޖެއްސުމަށް ވެސް މަސައްކަތްކުރާނެ ކަމަށެވެ.

ޗައިނާގައި އަނެއްކާ ވެސް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން އޮފީހެއް ހިންގުމަށް ނިންމާފައިވާ އިރު ފުރަތަމަ އެއޮފީސް ހުޅުވާފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ.