އެމްޑީޕީ ސަރުކާރެއްގައި ދައުލަތުގެ އެންމެ ފައިސާ ފޮއްޗެއްގައި ވެސް ސަރުކާރުގެ މުވައްޒަފަކު ޖެހިއްޖެ ނަމަ އެ މުވައްޒަފަކަށް ހައްގު އަދަބު ދެއްވާނެ ކަމަށް އެމްޑީޕީގެ ރަޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގދ. ގައްދޫގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނާއި އެމްޑީޕީއަކީ ކޮރޮޕްޝަނަށް މަގުފައިކޮށްދޭނެ ބައެއް ނޫން ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި ކޮރަޕްޝަންގެ ހުތުރު އަމަލު ހިންގާ ނަމަ އެ މީހަކަށް ގާނޫނީ އިމުގެ ތެރެއިން ހައްގު އަދަބު ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ކޮރަޕްޝަނަށް މަގުފަހިކޮށްދޭނެ ޕާޓީއެއް ނޫން. އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ ފައިސާ ފޮއްޗެއްގައި ވެސް އެއްވެސް ސަރުކާރުގެ މުވައްޒަފަކު ޖެހިއްޖެ ނަމަ ހައްގު އަދަބު ލިބޭނެ. އެންޓި ކޮރަޕްޝަން ބޯޑުންނާއި ފައިސާގެ [ބެލެހެއްޓުމުގެ] ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ކުރީގެ ސަރުކާރުގައި ކޮރަޕްޝަން އިންތިހާ އަށް ގޮސްފައި ކަމަށް އިދިކޮޅު ފަރާާތްތަކުން ބުނަމުން ގެންދަނީ އޮޅުވާލުމަށް ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި ސާކް ސަމިޓް ބޭއްވުމުގައި ކޮރޮޕްޝަން އަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބުނަމުން ދަނީ އޮޅުވާލުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ނަޝީދުގެ ތިން އަހަރުގެ ސަރުކާރުގައި ދައުލަތުގެ ބަޖެޓުން ވަނީ ހަތަރު ބިލިއަން ރުފިޔާ އަށް ހިޔާނަތްވެފަ އެވެ. އަދި އޮޑިޓް ރިޕޯޓްތަކުން ވެސް އެނގޭ ގޮތުގައި ނަޝީދުގެ ސަރުކާރުގެ އިސް ވެރިން ވަނީ ދައުލަތުގެ ފައިސާ އަށް ބިލިއަނުން ހިޔާނަތްތެރިވެފަ އެވެ.

ސާކް ސަމިޓާ ބެހޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ވިދާޅުވެފައި ވަނީ ވުޖޫދުގައި ނެތް ކުންފުނިތަކަށް ވެސް ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އަދި ކޮންވެންޝަން ސެންޓަރުގެ ގޯތި ތެރޭގައި ގާ އެތުރުމުގެ މަސައްކަތް ސިފައިން ލައްވައި ކުރުވުމަށް ފަހު ގަވާއިދާ ހިލާފަށް ސަދަން ޔުޓިލިޓީސް އަށް 5.1 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އަދި ކުރީގެ ފައިނޭންސް މިނިސްޓަރު އަލީ ހާޝިމާއި ރައީސް އޮފީހުގެ ކުރީގެ ފައިނޭންސް ސެކްރެޓަރީ އަހުމަދު މައުސޫމު އަދި ކުރީގެ އެކޮނަމިކް މިނިސްޓަރު މަހަމޫދު ރާޒީގެ ހިއްސާ އޮންނަ ލިންޓެލް އިންވެސްޓްމަންޓަށް 1.8 މިލިއަން ރުފިޔާ މާލިއްޔަތު ގަވައިދާ ހިލާފަށް ދީފައިވާ ކަމަށެވެ. އަދި ވިލާ ޝިޕިން އަށް ވެސް ގަވާއިދާ ހިލާފަށް 2.4 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

އަދި އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތުގައި، ސާކް ސަމިޓުގެ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއް ރާވައި ހިންގުމުގެ މަސައްކަތް އިއުލާން ކުރުމަކާއި ނުލައި، 5.2 މިލިއަން ރުފިޔާ އަށް މޯލްޑިވްސް އެންޓަޓެއިންމެންޓް ކޮމްޕެނީ ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ސާކް ސަމިޓްގައި މުނުފޫހި ފިލުވުމުގެ ހަރަކާތްތައް ހިންގުމަށް ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް 16.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.